މިސަރުކާރުން ގޫގުލްއަށް އައްޑޫ ސިޓީން ބިން ދޭން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނޭންގި ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ، މި ޕްރޮޖެކްޓަކީ ސަރުކާރުގެ ވަރަށް ސިއްރު  ޕްރޮޖެކްޓްއެއް ކަމަށާއި، އެންމެ ފުރަތަމަ ބިން ހޯދަން ފޮނުވި ސިޓީގައި އޮތީ ވެސް ސަރުކާރުން ހިންގާ މުހިއްމު މަޝްރޫއުއަކަށް ބިން ހޯދުމަށް ކަމަށެވެ. 

ނިޒާރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އެކި ގޮތްގޮތަށް ސަރުކާރާއެކު މުއާމަލާތްތައް ކުރެވުނު އިރު، މުއާމަލާތްތައް ކުރެވުނީ ގޫގުލްއަށް ބިން ދޭން ކަމެއް އެއްގޮތަކަށް ވެސް އެނގިފައިނުވާ ކަމަށެވެ. 

ދެން ފަހުން ޤާނޫނަށް ބަދަލު ގެނެސް،  ޤާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން ސަރުކާރުން ހިންގާ ހާއްސަ ޕްރޮޖެކްޓްތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ބިން ކަނޑައެޅެން  އޮތް، ފަހަރެއްގައި ވެދާނެ މި ގޫގުލްއިން ބިން ބޭނުން ވެގެން ކުރެވޭ ކަމެއް ކަމަށް އެހެންނަމަވެސް އަޅުގަނޑު އެހެން ބުނާކަށެއް ނެތިން އެހެނަސް ވިދާނެ 
 އަލީ ނިޒާރު

ޤާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ގޫގުލްއަށް ބިން ދޭން ނިންމެވުމުން، އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންކަން ކޮށްފައި ވާނެ ކަަމަށް ނިޒާރު ވިދާޅުވި އެވެ. 

މީގެއިތުރުން އައްޑޫގެ ބިމުން ލިބޭ މަންފާ ލިބެން ޖެހޭނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް މކަން ފާހަގަކުރައްވައި، ނިޒާރު ވިދާޅުވީ ގޫގުލްއަށް ދޫކޮށްފައިވާ ބިމުން ކުލި ނަގާ ކަމުގައި ވާނަމަ އެ ކުލި ލިބެން ޖެހޭނީ އައްޑޫ ސިޓީ ކައުންސިލަށް ކަމަށް ހުރިހާ ކައުންސިލަރުން އެއްބަސް ވާ ކަމަށެވެ. އަދި މި މަޝްރޫއަކީ މުހިއްމު މަޝްރޫއެއް ކަމަށާއި މި މަޝްރޫއަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ސިޓީ ކައުންސިލުން ދޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. 

މި މަޝްރޫއަކީ ރާއްޖެ އާއި އޮމާން އަދި ކްރިސްމަސް އައިލެންޑް ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން ގުޅާލުމަށް 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި އެއްބަސްވެފައިވާ މަޝްރޫއެކެވެ. 1.5 ހެކްޓަރުގެ ބިން ހިލޭ ދިނުމަށް ވެސް ސަރުކާރުން ވަނީ އޭރު އެއްބަސްވެފަ އެވެ.