މާލޭ ބޮޑުތަކުރުފާނުމަގުން މި ސަރުކާރުން ހެދި ދެވަނަ ބައި ހުޅުވި އިރު އެތަނުގައި ފެން ހިންދާ ނިޒާމު ގާއިމުވެފައި ނެތް ކަން ހާމަ ވެއްޖެ އެވެ.
މަޝްރޫއެއް ނިންމާ ހުޅުވާލުމުގެ މާނައަކީ އެތަނެއް ފުރިހަމަކޮށްފައި އޮތުން ކަމަށް ވިސްނިފައި އޮތް ނަމަވެސް މާލޭ ބޮޑުތަކުރުފާނުމަގުން ހެދި ބައި ހުޅުވާލާފައިވަނީ މުޅިން މަސައްކަތް ނުނިމެނީސްކަން އާންމުންނަށް އެނގުނީ ބުރާސްފަތި ދުވަހު މާލެ އަށް ވެހުނު ވާރޭ އާ އެކު އެ މަގުގައި ވަރަށް ބޮޑަށް ފެންހެދުމުންނެވެ.
އާންމުންނަށް އެކަމުން އުނދަގޫވެ، މީސް މީޑިއާ ގައި ފާޑުކިޔަން ފެށުމާއެކު ސަރުކާރުން ބުނެފައިވަނި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީކަމަށެވެ.
ފެން ބޮޑުވުމާ ގުޅިގެން މި މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޮޑުތަކުރުފާނުމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން ބަހައްޓައި ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާނެކަމަށް ވެސް ބުނެފައިވެ އެވެ.
ފަސް ބަޔަށް ބަހައިގެން ހަދަމުންދާ ބޮޑުތަކުރުފާނު މަގުގެ ބާކީއޮތް އެމް.ޕީ.އެލް. އިން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމަޔަށް އޮތް ސެގްމަންޓް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ފަޅުތެރޭގައި ހައެއްކަ ޖެޓީ އޮންނަ ގޮޮތައް ހުރިހާ ލޯންޗުތަކުން ސީދާ އެއްގަމަށް ކައިރިކުރެވޭ ގޮތަށް ރޭވިފައިވާ މަސައްކަތާ އެކީގައި، ނޮވެންބަރު މަސް ނިމެންވާއިރަށް ނިންމައި، މުޅި ބޭރުމަގާއި ފަޅުތެރޭގެ މަސައްކަތް ނިންމާލާނެ ކަމަށް ރައީސް މުއިއްޒު ވަނީ މިމަހުގެ 29 ވަނަ ދުވަހު "ނޭޝަންސް ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.
މި ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވަށާ ޖެހޭ ގޮތަށް، ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އާއްމުކޮށް ވިދާޅުވަމުން ގެންދާކަން ފާހަގަ ކުރެވެ އެވެ.