ގދ. މަގުއްދުވާގެ
ހެޑްލީސް އެމްޓީޑީސީން ނުއަގުގައި ވިއްކާލަމުންދާ ކަމަށް ބުނެ މައުލޫމާތު ފެތުރިފައިވާތީ
އެކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު
އިބްރާހީމް (ކުޑޫ) އެ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދަށް ސިޓީއެއް
ފޮނުއްވައިފި އެވެ.

އެ ސިޓީގައި
މެންބަރު ކުޑޫ ވަނީ މަގުއްދުވާގެ ހެޑްލީސް ވިއްކާލުމުގެ މުއާމަލާތެއް ހިންގަން އުޅޭތޯ
ސާފުކުރައްވަން އެދިވަޑައިގެންފަ އެވެ.

2006 ވަނަ އަހަރުން ފެށިގެން
ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން އެމްޓީޑީސީއަށް ދޫކޮށްފައިވާ ގދ.
މަގުއްދުވާ، ތުރުކީއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަބްލީސްކޮށްގެން އަޔާޑާ މޯލްޑިވްސްގެ
ނަމުގައި ހިންގަމުން އަންނައިރު، އެ ރިސޯޓުން އެމްޓީޑީސީއަށް ސަބްލީސް ރެންޓުގެ ގޮތުގައި
ދާއިމީ ގޮތެއްގައި އާމްދަނީ ލިބެމުންދާކަން ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

އެހެން ނަމަވެސް
އެ ކުންފުންޏަށް ރަށުގެ ހެޑްލީސް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތެއް ހިނގާ ކަމަށް
ދާދި ފަހުން މައުލޫމާތު ފެތުރިފައިވާކަން މެންބަރު ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިގެން
އެ ކޯޕަރޭޝަންގެ ހިއްސާދާރުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމުގެ
ސައްހަ މައުލޫމާތު އާންމުކުރުމަކީ މުހިންމު ކަމެއް ކަމަށް ސިޓީގައިވެ އެވެ.

އެހެންކަމުން
އެފަދަ މުއާމަލާތެއް ހިނގާނަމަ އެ މުއާމަލާތާ ގުޅޭ މައުލޫމާތުތައް ފޮރުކޮށްދިނުމަށް
މެންބަރު ކުޑޫ އެދިވަޑައިގެންފައިވެ އެވެ. އެގޮތުން މަގުއްދުވާގެ ހެޑްލީސް ވިއްކާލުމަށް
އެއްވެސް މަޝްވަރާއެއް ހިނގާތޯ އަދި އެފަދަ މުއާމަލާތެއް ހިންގާފައިވާނަމަ އެފަދަ ނިންމުމެއް
ނިންމިކަން އަދި ނިންމި ގޮތާއި ނިންމި ފަރާތުގެ މައުލޫމާތާއި އެ ނިންމުމުގެ ކޮޕީއެއް
ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

އެ ރަށުގެ
ސަބްލީސްގެ ގޮތުގައި ކޮންމެ ކުއާޓަރެއްގައި 1.2 މިލިއަން ޑޮލަރު ލިބޭއިރު، އެ މިންވަރަށް
އާމްދަނީ ލިބޭނަމަ ސަބްލީސްގެ ދަށުން ލިބޭ އާމްދަނީގެ ބަދަލުގައި ހެޑްލީސް ވިއްކުމާ
ގުޅިގެން ލިބޭނެ މަންފާއާއި ގެއްލުން ވަޒަންކޮށްފައިވާނަމަ އެކަމާ ގުޅޭ އެންމެހާ މައުލޫމާތާއި
ލިޔުންތައް ހިއްސާކުރެއްވުމަށް ވެސް މެންބަރު ކުޑޫ އެދިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުންވެސް
މަގުއްދުވާގެ މުއާމަލާތާ ގުޅޭ އިތުރު ގިނަ މައުލޫމާތުތަކެއް ހޯދުމަށް މެންބަރު ކުޑޫ
އެދިވަޑައިގެންފައިވެ އެވެ. މި މައްސަލައަކީ އެމްޓީޑީސީގެ ހިއްސާދާރުންނާއި ރައްޔިތުންގެ
މެދުގައި ބޮޑު ކަންބޮޑުވުމެއް ކަމަށްވާތީ މައުލޫމާތު ސާފުކުރުމަކީ މުހިންމު ކަމެއްކަން
ވަނީ ފާހަގަ ކުރައްވާފަ އެވެ.