ނ. ނާލާފުށީގައި ކުރިއަށްދާ ފިޓްނަސް އެންޑް ރެކްރިއޭޝަން
ސެންޓަރުގެ މަސައްކަތް ހުއްޓިފައިވަނީ ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ
ސަބަބުން ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.
ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައިވާ
ގޮތުން މި މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
240 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް
އެމްޓީސީސީން ސަބްކޮންޓްރެކްޓް ކޮށްފައިވަނީ އެރަށު ކޮންޓްރެކްޓަރަކަށެވެ. ނަމަވެސް
ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ގެންދެވެން
ނެތްކަމަށް އެ ކޮންޓްރެކްޓަރ ވަނީ ބުނެފައެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކުރީވެސް ރައީސް ޑރ
މުޙައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ކަމަށް ކައުންސިލުން ބުނެއެވެ.
މިހާތަނަށް ކޮންޓްރެކްޓަރ ކުރި މަސައްކަތަށް ދޭން ޖެހިފައިވާ
ފައިސާ އެމްޓީސީސީން ދީފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން މަސައްކަތް މިހާރު ހުއްޓިފައިވާއިރު،
މި މަޝްރޫއު ނިމުމަށް ކަނޑައަޅާފައިވާ މުއްދަތު ވެސް ހަމަވަމުން އަންނަކަން ފާހަގަކުރެވެ
އެވެ.
ނާލާފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެރަށު
ރައްޔިތުންނަށް ބޭނުންތެރި މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން އެރަށު ޒުވާނުންނަށާއި
ރައްޔިތުންނަށް ކުޅިވަރާއި ރަންޒަން ހަރަކާތްތަކަށް ބޭނުންކުރެވޭނެ ފަސޭހަތަކެއް ލިބިގެންދާނެ
އެވެ.
ނަމަވެސް މަޝްރޫއު ހުއްޓި، އެތަނުގައި ކޮށްފައިވާ މަސައްކަތްތައްވެސް މިހާރު ދަނީ
ހަލާކުވަމުންނެވެ.
ކޮންޓްރެކްޓަރަށް ފައިސާ ނުދިނުމުގެ ސަބަބުން މަސައްކަތް
ހުއްޓިފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް އެމްޓީސީސީއާއި ސްޕޯޓްސް މިނިސްޓްރީން
އަވަސް ފިޔަވަޅު އެޅުމަށް ކައުންސިލުން ގޮވާލައެވެ. މި މަޝްރޫއު ކަނޑައަޅާފައިވާ މުއްދަތުގައި
ނިންމުމަށް ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ އަވަސް ކުރުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.