ހުޅުމާލޭގައި މީހެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000 ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލަ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލަ ހުށަހެޅުމާއެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި، އިންވެސްޓިގޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން ޖުލައި 26 ވަނަ ދުވަހުގެ ރޭ 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތުގައި އަތަމާގެ / ގދ. ވާދޫ، އިޖާޒު ނަސީރު (40އ) ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ މިހާރުވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަތަމާގެ / ގދ. ވާދޫ، އިޖާޒު ނަސީރު (40އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

ބިދޭސީ މީހާގެ އަތުން އެ މީހުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ވަނީ ހޯދާފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.