ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ޅ. ނައިފަރަށް ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް އަމަލީ ގޮތުން ނުފެންނަ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސަރުކާރުގެ ތަރައްގީގެ ދުވެއްޔާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ތެރޭގައި ނައިފަރުގެ ތަރައްގީއަށްޓަކައި ޖުމްލަ 26 ބޮޑު ވައުދެއް ސަރުކާރުން ވެފައިވާ ކަމަށެވެ.

މީގެ ތެރޭގައި ރަށުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި، ބައެއް ކުދިކުދި އަޕްގްރޭޑިންގ މަސައްކަތްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ސަރުކާރުގެ ދައުރުގެ ތިން އަހަރު ކައިރިވަމުން އަންނައިރު، ފެންނަން އޮތީ ހަމައެކަނި ބިން ހިއްކުމަށް އެޅި ވެލިކޮޅު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އަބްދުﷲ ރަޝީދު ވިދާޅުވީ، 45 ހެކްޓަރުގެ ބިން ހިއްކުމަށް އެޅި ވެލިގަނޑު މިހާރު ހުޅަނގު މޫސުމުގެ ގަދައިގައި ގިރަމުންދާ ކަމަށެވެ.

އެ އެޅި ވެލިން ހަމަ ތިން ބައިކުޅަ އެއްބަޔާ ގާތަށް މިހާރު އެދަނީ ގިރަމުން. ނައިފަރުގެ ވެލިގަނޑު ހިމާޔަތްކުރަން ގެނެސްފައި ހުރި ހުރިހާ އެއްޗެއް އެއް ރަށުން އަނެއް ރަށަށް ބަދަލުކުރަމުންދާކަން އެނގެނީ
އަބްދުﷲ ރަޝީދު

މީގެ އިތުރުން، ނައިފަރުގެ މަގު ހެދުމުގެ މަޝްރޫއު ވެސް އޮތީ ހުއްޓިފައި ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 

އެގޮތުން އެންމެ މަގެއްގެ އެއްފަރާތުގައި ހޮޅިތަކެއް ވަޅުލުމަށްފަހު، އެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނައިފަރަކީ 7,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެއްކަން ފާހަގަކުރައްވައި، އަބްދުﷲ ރަޝީދު ވިދާޅުވީ މި ސަރުކާރު ގެނައުމަށް ނައިފަރުގެ 67 އިންސައްތަ ރައްޔިތުން ވޯޓު ދީފައިވާ ކަމަށެވެ. ސަރުކާރުން ތަރައްގީގެ އެންމެ މުހިންމު 7 ރަށުގެ ތެރޭގައި ނައިފަރު ހިމެނި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ތަރައްގީއެއް ނުފެންނާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.