މަޝްހޫރު މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން ބުރާސްފަތި ދުވަހު ބޭއްވުމަށް ތައްޔާރުވި ޝޯ ކެންސަލް ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، "ބިޔޯން އަގެއިން" ޝޯ ބޭއްވުން މަނާކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސަރުކާރަށް ބުނަން ނުކެރުނު ކަމަށެވެ. އަދި މި ޝޯ ބޭއްވުމަށް ހުއްދަ ހޯދުމުގެ އިތުރުން ސޯ އިޝްތިހާރުކުރާތާ 50 އަށްވުރެ ގިނަ ދުވަސްވީފަހުން ވަގުތު ކުޑަތަންވެފައިވަނިކޮށް، ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރު އަތުލުމުން މި ޝޯ އިންތިޒާމުކުރާ އަދި ޝޯގައި ބައިވެރިވާ ވިޔަފާރިތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މި ގެއްލުމުގެ ބަދަލު ޝޯ އިންތިޒާމުކުރާ ފަރާތަށް ދައުލަތުން ދޭންޖެހޭނެ ކަމަށާއި، އެ ބަދަލު މިނިސްޓަރުގެ އަތުން ދައުލަތަށް ހޯދަންޖެހޭނެ ކަމަށެވެ. މިގޮތަށް ބައެއްގެ ވިޔަފާރި ހަލާކުކޮށްލުމުގެ ފުރުސަތު ސަރުކާރަށް އޮވެގެން ނުވާނެ ކަމަށާއި، ޝޯ ބޭއްވުމުގެ ހުއްދަދޫނުކުރި ނަމަވެސް އެ ވިޔަފާރިތަކަށް އެހާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. ފަންނުވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް މިހާ ބޮޑު ގެއްލުމެއްދޭ އަދި މިހާ ދެކޮޅުނުޖެހޭ ވާހަކަދައްކާ ބަޔަކު އަދި ނުފެންނަ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ބިޔޯން އެގެއިން އެބާ ފޮރެވަރ" ކޮންސެޓް ކެންސަލްކުރަން ޖެހުމާ ގުޅިގެން އެ އިވެންޓް އިންތިޒާމުކުރާ އޫބރ އިވެންޓްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝޯ ކެންސަލް ކުރަން ޖެހުނީ ޝޯ ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް، ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް ވެނިއު އެޕްރޫވަލް ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ބޭންޑްގެ މެންބަރުން ވަނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެއަށް ވެސް އައިސްފަ އެވެ. ނަމަވެސް އޫބަރ އިވެންޓްސްގެ ވާހަކަތައް ދޮގުކޮށް ޔޫތު މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ މިނިސްޓްރީން އެދުނީ އެހެން ތަނަކަށް އިވެންޓް ބާއްވާ ސަރަހައްދު ބަދަލުކޮށްދޭން ކަމަށާއި، އެކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ވެސް އިވެންޓް އިންތިޒާމުކުރާ ފަރާތަށް ދީފައިވާނެ ކަމަށެވެ. ޔޫތު މިނިސްޓްރީން ބުނީ އެކަން އެގޮތަށް ކުރަން އެދުނީ ސޯޝަލް ސެންޓަރުގެ، ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް، އިންޑޯރ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.
މި ޝޯ ކެންސަލް ކުރުމާ ގުޅިގެން އޫބަރ އިވެންޓްސްއިން ވަނީ ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފަ އެވެ. އެ ކުންފުނިން ބުނީ ޓިކެޓް ގަތް ހުރިހާ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި ޝޯ ބޭއްވުން ސަރުކާރުން މަނާކޮށްފައިވާއިރު ޝޯއަށް ސްޕޮންސަރުން ހޯދައި ބޮޑެތި އިޝްތިހާރުތައް ކުރުމުގެ އިތުރުން ވަރަށް ގިނަ ބަޔަކަށް ޓިކެޓް ވެސް ވަނީ ވިއްކައިފަ އެވެ. ކުއްލި ގޮތަކަށް ޝޯ ކެންސަލް ކުރަން ޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުންގެ ނުރުހުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެ ޒުވާނުން ފާހަގަކުރާ ގޮތުގައި މި ސަރުކާރުން އަންނަނީ ޒުވާނުންނާ ގުޅުންހުރި ދާއިރާތަކުގައި ޒުވާނުންނާމެދު އިހުމާލުވެ، މުނިފޫހި ފިލުވުމުގެ ދާއިރާއަށް ހުރަސްއަޅަމުންނެވެ.