ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާ، ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން މި ހަމަލާތައް ސިފަކުރެ އެވެ. އަދި މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅީގެ ހަމަޖެހުން ގެއްލުވާލައި، މަސްލަހަތު ގޯސްކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއް ކަމަށްވެސް ރާއްޖެއިން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، މިފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ދިވެހި ސަރުކާރުން ފާހަގަކުރެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް އަމަލުކުރުމަށާއި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނު (ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ) ހިމެނޭހެން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން މި ފުރުސަތުގައިވެސް ވަނީ ތަކުރާރުކޮށްފަ އެވެ. އަދި ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ އިސްތިގުލާލު ހިމާޔަތްކުރުމަށް އެ ގައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.