އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ގިނަ
އަދަދެއްގެ ބިންތަކެއް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތުމުގެ ސަބަބުން،
އައްޑޫގެ ރައްޔިތުންނަށް މަހެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީއެއް
ގެއްލެމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަން ހާމަކުރީ އެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން
ހިތަދޫ ރަސްގެދަރަ ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ޒަރީރު ވިދާޅުވީ، އައްޑޫ
ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކުން ރައްޔިތުންނަށް އެއްވެސް
މަންފާއެއް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ޖުމްލަ 12 ފަޅު ރަށް
އޮތްއިރު، އޭގެ ތެރެއިން 8 ރަށެއް މިހާރު އޮތީ އެކިއެކި ނަންނަމުގައި މައި ސަރުކާރަށް
ނަގާފަ އެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި އައްޑޫގެ ތަރައްގީއަށްޓަކައި
ދާދި ފަހުން ހިއްކި 42 ހެކްޓަރުގެ ބިން ވެސް ސަރުކާރުގެ ނިންމުމަކާ ގުޅިގެން މިހާރު
އޮތީ ސަރުކާރުގެ ދަށަށް ގެންގޮސްފަ އެވެ. އެ ބިމުން ކުލީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް
ވެސް މިހާރު ލިބެމުންދަނީ ދައުލަތަށް ކަމަށް ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން،
އައްޑޫ ފަޅުތެރޭގައި އޮންނަ ތިން ރިސޯޓު ފަސްގަނޑުން ގާތްގަނޑަކަށް 20 ހެކްޓަރުގެ ބިން
ވެސް އޮތީ ސަރުކާރުގެ ބާރުގެ ދަށުގަ އެވެ.
ޖުމުލަކޮށް ބަލާއިރު، އައްޑޫ ސިޓީން ގާތްގަނޑަކަށް
100 ހެކްޓަރުގެ ބިން މައި ސަރުކާރުގެ އެކިއެކި ނުފޫޒުތަކުގެ ދަށުގައި ތާށިވެފައި ހުރިކަން
އައްޑޫ ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުންވާ ކަމަށް ކައުންސިލުން ބުންޏެވެ. މި ބިންތަކުން
ލިބެންޖެހޭ މާލީ މަންފާއަށް ބަލާއިރު، އައްޑޫގެ ބިމުގެ އެންމެ ކުޑަ އަގު ކަމަށްވާ އެއް
ރުފިޔާގެ ރޭޓުން ބެލި ނަމަވެސް، މަހެއްގެ މައްޗަށް އެންމެ ދަށްވެގެން 10 މިލިއަން ރުފިޔާ
އައްޑޫ ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ކައުންސިލަރު ޒަރީރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ބިމުގެ ބާރުތައް
ކައުންސިލަށް ނުލިބި އޮތުމަކީ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބެންޖެހޭ މަންފާތަކަށް
އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ސިޓީގެ
ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އާމްދަނީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ
ކަމަށްވެސް ކައުންސިލުން ފާހަގަކުރެ އެވެ.