ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލު ހުށަހަޅައި، ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ އެ އޮތޯރިޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތްތައް ފުޅާކުރުމެވެ.
މިހާރު އަމަލު ކުރަމުން ދާ ގާނޫނުގައި ވާގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ކަނޑައެޅިފައިވާ ވަކި ފަންނީ ދާއިރާތަކަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.
ސަރުކާރުން އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއެކު ބޯޑު މެންބަރުންގެ އަދަދު 7 އަށް އިތުރު ކުރުމަށެވެ. މި ބަދަލާއެކު، ޗީފް އެގްޒެކެޓިވް ފިޔަވައި ދެން ތިއްބަވާ ހުރިހާ މެންބަރުންނަކީ ވެސް ފަންނީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވެ އެވެ.
ބިލުގައި ވަނީ މެންބަރުން އައްޔަނު ކުރުމުގެ މުއްދަތަށް ވެސް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގާނޫނުގައި މިހާރު ބަޔާން ކޮށްފައި ވަނީ ބޯޑަށް މެންބަރުން އައްޔަންކުރެވެނީ 5 އަހަރުގެ 1 ދައުރަށް ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުގެ އެހެން މެންބަރުން، 1 ދައުރަށް ވުރެ ގިނަ ދައުރަށް އައްޔަނު ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެ ފުރުސަތު ލިބޭނީ މަގާމުން ވަކިކުރާ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް ކަމަށް ވެސް ބިލުގައި ވެ އެވެ.
ބޯޑުގެ ހިންގުމުގެ އުސޫލަށް ހުށަހަޅާފައިވާ އިސްލާހަށް ބަލާއިރު ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަވާނެ ގޮތާއި، ބޯޑުން ނިންމާ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވް އަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.