އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފި އެވެ.

"މޯލްޑިވްސް
ޕާލް ރެސިޑެންސް ޕްރޮގްރާމް" ގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރަށްވެހިކަން ދޫކުރުމަށް
ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ ރައްޔިތުންގެ މަޖިލިހުން ގާނުނެއް
ފާސްކުރުމެއްނެތި، އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވެ އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި "ހެންލީ އެންޑް
ޕާޓްނާސް" ކިޔާ ކުންފުންޏަކަށް މި ޕްރޮގްރާމް ހިންގުމަށް ހަވާލުކޮށްފައިވަނީ އޭގެ މާލީ އަދި ގާނޫނީ ތަފްސީލުތައް
ރައްޔިތުންގެ މަޖިހަށް ވެސް އަދި ރައްޔިތުންނަށް ވެސް ހާމަކުރުމެއްނެތި ކަމަށް ބުނެފައިވެ އެވެ.

މީގެ ސަބަބުން ދިވެހި
ދައުލަތައް ލިބޭ މާލީ މަންފާ އެއް އެނގެން ނެތް ކަމުގެ އިތުރުން، މީގެ ސަބަބުން ގައުމީ
ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތައް ނުރައްކާވެދާނެ ފަދަ ސީރިއަސް
ކަންތައްތަކެއް ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެހެން ކަމުން ގަރާރުގައި ގޮވާލާފައިވަނީ މި މަސައްކަތް
ވަގުތުން މެދުކަނޑާލުމަށާއި، މިކަމާ ގުޅޭ އެއްބަސްވުންތައް ސަރުކާރުން ހާމަ ކުރުމަށެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ގުޑް ގަވަރނަންސްގެ ނިޒާމުގެ ތެރެއިން ޑިމޮކްރަސީ ފުރިހަމައަށް ތަންފީޒުކުރާ ސަރުކާރެއް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވާފައިވާއިރު، މި މައްސަލަ އާ ބެހޭ ގޮތުން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ،  ބިދޭސީންނަށް
ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި، ގައުމި ސަލާމަތާއި، ޓެކުހާއި،
ދިވެހިރާއްޖޭގެ ބިންތަކާއި، ދައުލަތުގެ މާލިއްޔަތާ ސީދާ ގުޅިފައިވާ، ސިޔާދަތީ
ބާރެއް ކަމަށްވެފައި، މިފަދަ ސިޔާސަތެއް އެންމެ މަތީ ދަރަޖައިގެ ހާމަކަމާއި ޖަވާބުދާރީ
ވުމާއެކު ރައްޔިތުންގެ މަޖިލިހުގެ ބެލެނިވެރިކަމުގެ ދަށުން ކުރިއަށް ގެންދިއުން ލާޒިމު
ކަމަށް ދެކޭ ކަމުގަ އެވެ.

2025 ވަނަ އަހަރުގެ
ޖުލައި މަހުގެ 1 ވަނަ ދުވަހު ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރި
އެއްބަސްވުމުގެ އެއްވެސް ވާހަކަ އެއް ސަރުކާރުން ހާމަކޮށްފަ އެއް ނުވެ އެވެ.

މި މަޝްރޫއުގެ ދަށުން
ބިނާ ކުރެވުނު ވިލާތައް މި ޕްރޮގްރާމްގެ ތެރެއިން ވިއްކުމަށް މިހާރު އިޝްތިހާރު
ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތުގެ ތެރޭގައި
ވަކި ދައުލަތެއް އުފެދި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ދައުލަތުގެ ސިޔާދަތީ ބާރުތަކަށް
އުނިކަން އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް މެމްބަރު ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

 ގަރާރުގައި އިތުރަށް ބުނެފައިވަނީ، މި ސަރުކާރު
ވެރިކަމަށް އައީ ކުރީ ސަރުކާރުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް
ވިއްކާލި ކަމަށް ތުހުމަތުއަޅުވައި، ރިޔާސީ ކެމްޕޭނުގައި އެވާހަކަ ދައްކައިގެން ކަމަށްވާއިރު، ރާއްޖޭގެ ފަސްގަނޑާއި، ފަޅުތަކާއި ކަނޑުތަކުގެ
ސިޔާދަތީ ބާރުވެރިކަން ރައްކައުތެރިކުރުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަން ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ހާމަވާ ކަމަށާއި، އެހެން ނަމަވެސް އެ ވައުދުގެ މައްޗަށް އައި ސަރުކާރަކުން ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއް
ބާރުވެރިކަން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދީ އެތަންތަނުގައި ދިރިއުޅުމުގެ
ހައްގު ބިދޭސީންނަށް ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކަމުންގެންދާ ކަމުގައެވެ.

 ގަރާރުގައި މިކަން ފާހަގަ ކޮށްފައިވާއިރު މި އަހަރު ރައްޔިތުންގެ މަޖިލީހުގައި ރައީސް މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި "ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭކަމުގައި" ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މި
މަސައްކަތް ހަވާލުކޮށްފައިވާ ހެންލީ އެންޑް ޕާޓްނާސް އަކީ ޔޫރަޕިއަން ޔޫނިއަން ގެ
ކޯޓު އޮފް ޖަސްޓިސް އިން 2025 ވަނަ އަހަރު ގާނޫނާ ޚިލާފުކަމަށް ނިންމާފައިވާ
މޯލްޓާގެ "ސިޓިޒަންޝިޕް ބައި އިންވެސްޓްމަންޓ" ޕްރޮގްރާމް ހިންގި
ކުންފުންޏެވެ. އޭގެ އިތުރުން 2014 ވަނަ އަހަރު އެމެރިކާގެ ފައިނޭންޝަލް ކްރައިމްސް
އެންފޯސްމަންޓް ނެޓްވޯކުން ޣައިރު ގާނޫނީ މާލީ މުއާމަލާތްތައް ހިންގާ ކަމަށް
ފާހަގަ ކޮށްފައިވާ ކުންފުންޏެކެވެ. މިފަދަ ގާނޫނާ ޚިލާފު ކަންކަން ކޮށްފައިވާ
ކުންފުންޏެއް މިކަމަށް ހޮވި ގޮތެއް އެނގެން ނެތްކަން ވެސް މި ގަރާރުގައި ބުނެފައިވެ
އެވެ.