މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަނެތި ބޭސް އެތެރެކޮށްފި ނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ބޭހާއި ބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

މި ގަވާއިދު އިސްލާހުކުރުމުގެ މައިގަނޑު މަގްސަދަކީ، އާންމުން ބޭނުންކުރާ ބޭހަކީ ރައްކާތެރި، ފެންވަރު ރަނގަޅު އަދި ފަރުވާއަށް އެންމެ އެކަށީގެންވާ ބޭހެއްކަން ކަށަވަރުކުރުން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. މީގެ އިތުރުން، ނަހަމަ ގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވުމާއި، ހުއްދަނޫން ބޭހުގެ މުއާމަލާތްތައް ހުއްޓުވުމަކީ ވެސް މި ގަވާއިދު އިސްލާހުކުރި މައިގަނޑު ސަބަބެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން، އެމްއެފްޑީއޭއިން ބޭހުގެ ގޮތުގައި ގިންތިކޮށްފައިވާ އެއްވެސް ބާވަތެއް އެ އޮތޯރިޓީގެ ހުއްދަނެތި އާންމު ފިހާރަތަކުގައި ބަހައްޓައިގެން ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް، ޑޮކްޓަރުގެ ލިޔުމަކާ ނުލައި ވިއްކޭ ބައެއް ބޭސްތައް، ހާލަތަށް ބަލައި އެމްއެފްޑީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން އާންމު ފިހާރަތަކުގައި ވިއްކުން ގަވާއިދުގެ ދަށުން މަނަލެއް ނުކުރެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން އާންމު ފިހާރަތަކުގައި ހުމާއި ރޯގާ ފަދަ އާންމު ބަލިތަކަށް ބޭނުންކުރާ ބޭސްތައް ޑޮކްޓަރުގެ ލިޔުމަކާ ނުލައި ވިއްކަ އެވެ.

އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސްތަކުގެ ލިސްޓު 30 ދުވަހުގެ ތެރޭގައި އާންމުކުރަން ޖެހޭނެ އެވެ. އަދި މި ލިސްޓުގައި ނުހިމެނޭ އެއްވެސް ބޭހެއް އެތެރެކުރުމަކީ މަނާ ކަމެކެވެ. ބޭސް އުފައްދާ ފަރާތްތަކާއި، ބޭސް އެތެރެކުރާ ފަރާތްތަކުގެ އިތުރުން ފާމަސީތައް ވެސް އެމްއެފްޑީއޭގައި ރަޖިސްޓްރީވާން ލާޒިމުވާނެ އެވެ. ބޭސް ރަޖިސްޓްރީ ކުރެވޭނީ ދިވެހިންނަށް ނުވަތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.

މި ގަވައިދަށް އަމަލުކުރަން ފަށާނީ ގަވާއިދު އާންމުކުރާތާ 90 ދުވަސް ފަހުންނެވެ.

ގަވާއިދުގައިވާ އިތުރު ބައިތަކަށް ބަލާއިރު، ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ ފާމަސިސްޓުންނަކީ ދިވެހިބަސް ދަންނަ ބަޔަކަށްވާނަމަ އެމްއެފްޑީއޭން ދޫކޮށްފައިވާ ދިވެހިބަސް ދަންނަކަމުގެ ލިޔުން އޮންނަން ޖެހެ އެވެ. އެފަދަ ލިޔުމެއް ނެތް ނަމަ، މުއާމަލާތް ކުރުމަށް ތަރުޖަމާނަކު ހުންނަން ލާޒިމެވެ. މީގެ އިތުރުން އޮންލައިންކޮށް ބޭސް ވިއްކޭނީ ހަމައެކަނި އެކަމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމަށާއި މިގޮތަށް ވިއްކޭނީ ޑޮކްޓަރުގެ ލިޔުމަކާ ނުލައި ވިއްކޭ ބޭސްތައް އެކަނި ކަމަށް ވެސް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި، ފުރަތަމަ ފަހަރު ނަސޭހަތްދީ އިސްލާހުކުރަން މުއްދަތެއް ދެވޭނެ އެވެ. ނަމަވެސް، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. މީގެ އިތުރުން، ދޫކޮށްފައިވާ ހުއްދަ 14 ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ އިތުރުން، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ލައިސަންސް ބާތިލުކުރުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މެޑިކަލް މާފިޔާގެ ގޮތުގައި މި ސަރުކާރުން ސިފަކުރި އަމިއްލަ ބޭސް ފިހާރަތަކުން، އަސާސީ ބޭހުގެ 80 ޕަސެންޓު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރަން އެމްއެފްޑީއޭއިން ވަނީ ވަރަށް ފަހުން އަންގައިފަ އެވެ. އެގޮތުން ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓް ދެ ގްރޭޑަކަށް ގިންތިކޮށް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.