މި ސަރުކާރުގެ ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަކިކުރަމުން އަންނައިރު، ސަރުކާރުން ނުޙައްޤުން އެއްވެސް މުވައްޒަފަކު ވަކި ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާޙު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ވާން ދާއިރު، 15 މީހުން، ނުވަތަ އެންމެ މީހަކު ވެސް ނުޙައްޤުން ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އެމްޑީޕީގެ ކުރީގެ ވެރިކަންތަކުގައި މުވައްޒަފުން ވަޒީފާ އިން ވަކި ކޮށްފައިވާ ކަމަށާއި، އެއީ އެމްޑީޕީ އަށް ނިސްބަތް ނުވާތީ ނުވަތަ އެ ޕާޓީ އަށް ތާއީދު ނުކުރާތީ ވަކި ކުރި މުވައްޒަފުން ކަމަށް ވެސް ފަލާޙު ވަނީ ވިދާޅުވެފައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ފަލާޙު ވިދާޅުވެފައި ވަނީ، މި ސަރުކާރުން ވަކިކުރި މުވައްޒަފުންގެ އަދަދު އެ ޤަރާރުގައި ހިމަނާފައި ނެތް ކަމަށެވެ. އެއާ އެކު ފަލާޙު ވިދާޅުވީ، އެމްޑީޕީ އިން ވާހަކަ ދައްކަން ރީތި ނޫން ކަމަށެވެ. 

މީގެ އިތުރުން ފަލާޙު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކަށް ވަޒީފާ އަށް ދިޔުމަށް ދިވެހީން ޝައުޤުވެރި ކުރުވީ ކޮން ބައެއްކަމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. 

މި ވެރިކަމުގައި ތިން އަހަރާ ވުމަށް ކައިރި އަށް އަންނަ އިރު އިއްޒަތްތެރި ރައީސް، ފަނަރަ މީހުން ވެސް ނީންނާނެ، ފަނަރަ މީހުން، އެންމެ މީހަކު ވެސް ނުހައްގު ގޮތުގައި މި ސަރުކާރުން ވަޒީފާ އިން ވަކި ކޮށްފައި ނޯންނާނެ. އެންމެ މީހަކު ވެސް
އިބްރާހީމް ފަލާޙު

މި ސަރުކާރުން ނުޙައްޤުން އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާނެ ކަމަށް ފަލާޙު ވިދާޅުވީއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުވައްޒަފުން ވަކި ކުރަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ސަރުކާރަށް ފާޑު ކިޔައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރުމާއި، އިދިކޮޅު އެމްޑީޕީގެ ޙަރަކާތްތަކުގައި ބައިވެރިވާތީ ވެސް ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާ އިން ވަކިކޮށްފައި އެވެ. މީގެ އިތުރުން ސަރުކާާރާ ދެކޮޅަށް ބޭއްވި އެއްވުންތަކުގައި ބައިވެރިވި މުވައްޒަފުންތަކެއް ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. 

ދާދި ފަހުން ޅ.ކުރެންދޫ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރި މަސައްލައިގައި، އެ ރަށުގައި ވެސް ވަނީ އިހުތިޖާޖުކޮށްފައި އެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ވަނީ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމާ ދެކޮޅަށް އިހުތިޖާޖު ކޮށްފައިވެ އެވެ.