ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ސަރަހައްދީ ގޮތުން ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން އެއް ޓިކެޓެއް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ފަހިވެގެންދާނެ އެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ބޭރަށްދާ ފަސިންޖަރުންނަށް، ސްރީލަންކަން އެއާލައިންސާއި މޯލްޑިވިއަންގެ ދަތުރުތައް އެއް އިލެކްޓްރޯނިކް ޓިކެޓެއްގައި ބުކް ކުރެވޭނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ދަތުރުތަކާއި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މި ޕާޓްނަޝިޕްގެ ދަށުން ގުޅާލުމުން، ރާއްޖޭގެ ދުރު ރަށްތަކަށާއި މަގުބޫލު މަންޒިލްތަކަށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެ އެވެ. މީގެ ސަބަބުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށާއި ވިޔަފާރި ދަތުރުވެރިންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ސްރީލަންކަން އެއާލައިންސުން މިހާރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު ތިން ފްލައިޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ދެ ފްލައިޓް ބާއްވަމުން ގެންދެ އެވެ. 

މި އިންޓަލައިން އެއްބަސްވުމުގެ ސަބަބުން ޓްރެވަލް އެޖެންޓުންނަށާއި، ޓުއާ އޮޕަރޭޓަރުންނަށާއި، ކޯޕަރޭޓް ދަތުރުތައް ރާވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ދަތުރުވެރިންނަށް ވެސް ބުކިން ހެދުމުގައި އާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެއާލައިނުން ބުނެ އެވެ. އަދި މީގެ ސަބަބުން މާލެއާއި ގަމުގެ ރޫޓުތަކުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"މޯލްޑިވިއަންއާއެކު އަޅުގަނޑުމެން މި ފެށި ގުޅުމަކީ މި ސަރަހައްދުގައި އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ވިއުގަ މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާ ގުޅާލުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވެ، ވިޔަފާރީގެ މުހިންމު ދާއިރާތަކުން ކުރިއެރުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ،" ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ކޮމާޝަލް ދިމުތު ތެންނަކޫން ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްގެ މޯލްޑިވްސް މެނޭޖަރު ނަޔޯމީ ތެންނަކޫން ވިދާޅުވި ގޮތުގައި، މި ޕާޓްނަޝިޕްގެ ސަބަބުން އެ އެއާލައިންގެ ބައިނަލްއަގުވާމީ ވިއުގަ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް، މާލެއާއި ގަން މެދުވެރިކޮށް ރާއްޖޭގެ ގިނަ އަދަދެއްގެ މަންޒިލްތަކަށް އެއް ޓިކެޓެއްގައި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެވެ.

ސްރީލަންކަން އެއާލައިންސުން ބުނި ގޮތުގައި، މިއީ މި ސަރަހައްދުގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ އެއާލައިނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ސްރީލަންކާގެ ގައުމީ އެއާލައިނުން މިހާރު ދުނިޔޭގެ 63 ގައުމެއްގެ 130 މަންޒިލަކަށް ޚިދުމަތް ދެމުންދާއިރު، މީގެ ތެރޭގައި ކޯޑްޝެއާ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. އެ އެއާލައިނުން އޭ330-200/300 އަދި އޭ320/321 މަރުކާގެ އެއާބަސް ބޯޓުތައް ބޭނުންކޮށްގެން ދުނިޔޭގެ 33 މަންޒިލަކަށް ސީދާ ދަތުރުތައް ކުރެ އެވެ.