މ. ނާލާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްވެސް
މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް
އިންތިހާބާއި ދިމާކޮށް ހައިމާކެއް އައިސް ބައުންޑްރީ ވޯލް ޖެހުމުގެ މަސައްކަތް
ފަށާ ނިންމާލުމަށްފަހު އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށް އެ ރަށު ކައުންސިލްގެ
ނައިބު ރައީސް އިބްރާހީމް ޒުހައިދު ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއު ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން
ފާޅުކުރައްވާ ރާއްޖެޓީވީ އަށް ޒުހައިދު ވިދާޅުވީ ބައުންޑްރީ ވޯލްގެ މަސައްކަތް
ނިންމާފައި ވަނިކޮށް އެމްޓީސީސީން އައިސް ހައިމާކު ގެންދިޔައީ ކަމަށެވެ. އަދި ބައުންޑްރީ ވޯލް ގިރަމުން ގޮސް މިހާރު އޮތީ މޫދާ ހަމައަށް ތިރިވެފައި ކަމަށެވެ.  

އަޅުގަނޑުމެން އޮފީހުގައި ބެރަށް ނުކުތް
ގަޑީގައި، ރައްޔިތަކު އައިސް މި ބުނީ ހައިމާކް އެބަ ގެންދެޔޭ، ބުނީމަ އަޅުގަނޑާ
ރައިސް އާއި ދިޔައީ ބަނދަރަށް، ދިޔަ އިރު އެ ގެންދަން ވެގެން އެމްޓީސީސީ ބޭފުޅުން
ވަޑައިގެން އުޅުއްވަނީ، އަޅުގަނޑުމެން ގޮސް ހައިމާކު ހުއްޓުވާފައި އަޅުގަނޑުމެން
ދެންނެވީ އަޅުގަނޑުމެންނަށް އަޕްޑޭޓްއެއް ދެއްވާފައޭ ގެންދަވަން ވާނީ ތިގޮތަށް،
ރަށުގެ ދެ ދިމާލަކުން އެބަވޭ ތޮށިގަނޑު ވެސް ކަނޑާލެވިފަ ހައިމާކު ފޭބުމަށް
ޓަކައި، ބައުންޑްރީ ވޯލް ޖެހުމަށް ޓަކައި، ރައްޔިތުންގެ ވަރަށް ބޮޑު
ކަންބޮޑުވުމެއް އެއީ މި ހިލަތައް އަނެއްކާ ތޮށި ނުޖަހާ ފައިބައިގެން ދިޔުން،
އެހެންވީމާ އަޅުގަނޑުމެން ބޭނުންވެޔޭ އޭގެ އަޕްޑޭޓްއެއް އެހެންވީމަ އެމްޓީސީސީން
ބުނީ ދާލު އަތޮޅުގައި ކޮންމެ ވެސް ޕްރައިމެރީއެއް ކުރިއަށް ދާތި އެކޮޅުގެ
ކޮންމެ ވެސް އަންލޯޑިން އަކަށް ގެންދާ ވާހަކަ ހައިމާކު ހަފްތާ އެއް ތެރޭ މިކޮޅަށް
ގެންނާނަމޭ ބުނީ މިހާރު އޭގެ ފަހުން ތިން ހަފްތާ ވެގެން ދިޔައީ
އިބްރާހީމް ޒުހައިދު

ޒުހެއިދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ފެށީ
އީއައިއޭ ނުހަދާ ކަމަށާއި މިއަދާއި ހަމައަށް ވެސް އެއްވެސް އީއައިއޭ ރިޕޯޓެއް ނުލިބޭ
ކަމަށެވެ. އަދި ޕްރޮޖެކްޓްގެ އަޕްޑޭޓް ބެލުމަށް އެމްޓީސީސީ އަށް ގުޅުމުން އެންމެ
ފަހުގެ އަޕްޑޭޓަކީ އީއައިއޭ ރިޕޯޓު ނުލިބުން ކަމަށް ބުނި ކަމަށާއި ލިބުނުހާ އަވަހަކަށް ޑްރެޖަރު
ފޮނުވާނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާލާފުށީގައި ބޭނުން ކުރަމުން ދަނީ އަމިއްލަ
ފަރާތަކުން އަޅާފައިވާ ނަރުދަމާއެއް ކަން ފާހަގަކުރައްވައި، ރައްޔިތުންނާއި
މަޝްވަރާކުރުމެއް ނެތި ބިން ހިއްކަން ފަސްތައް އަޅަނީ ނަރުދަމާ ހޮޅިތަކުގެ
މައްޗައް ކަމަށް ޒުހައިދު އިތުރަށް ވިދާޅުވި އެވެ. އަދި މިކަމަށް
ހައްލެއް ހޯދައިދީ ބިން ހިއްކުމުގެ މަސައްކަތް ކުރަން ކައުންސިލުން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއަކީ ކައުންސިލް
އިންތިހާބުން ވަކި ގޮނޑިތަކެއް ކާމިޔާބު ކުރަން ސަރުކާރުން ކުރިއަށް
ގެންދިޔަ މަޝްރޫއުއެއް ކަމަށް ވެސް ޒުހެއިދު ތުހުމަތުކުރެއްވި އެވެ.