ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އަމިއްލަ ފަރާތަކުން ހަދިޔާކުރި ޑިޖިޓަލް ގަޑިއެއް ބެހެއްޓުމަށް ވަޒީރު ފެންވަރުގައި ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ދައުރު ދެބައިވެ އިތުރުވެގެން ދިޔައިރު ވެސް ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ހުޅުމާލޭ ސިންތެޓިކް ރަނިންގ ޓްރެކްގައި ބޭނުންކުރުމަށްޓަކައި، އަމިއްލަ ފަރާތަކުން ހަދިޔާކުރި އައު ޑިޖިޓަލް ގަޑިއެއް ވަނީ ބަހައްޓާފަ އެވެ.

ހުޅުމާލޭ ސިންތެޓިކް ރަނިންގ ޓްރެކުގައި އާ ޑިޖިޓަލް ގަޑިއެއް ހަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރާއި ވެރިން ބައިވެރިވެވަޑައިގަންނަވަނީ|ޔޫތު މިނިސްޓްރީ
މި ގަޑީގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނަށާއި އާންމު ރައްޔިތުންނަށް ތަމްރީނުތަކާއި، ކަސްރަތު އަދި ކުޅިވަރުގެ އެކި ހަރަކާތްތައް ކުރިއަށްގެންދާއިރު ވަގުތު ބެލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މި އިވެންޓާ ގުޅިގެން ޔޫތު މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.
ކްލިކް މޯލްޑިވްސްގެ ފަރާތުން މިގަޑި ހަދިޔާ ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭ ސިންތެޓިކް ޓްރެކަށް ވެސް ޑިޖިޓަލް ގަޑިއެއް މި ކުންފުނިން ވަނީ ހަދިޔާކޮށްފަ އެވެ.
ޑިޖިޓަލްގަޑި ބެހެއްޓުމުގެ ރަސްމިއްޔާތުގައި ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިއު އާއި މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކްލިކް މޯލްޑިވްސް ގެ ފަރާތުން ދެމުންދާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި ޔޫތު މިނިސްޓަރ ޢަބްދުﷲ ރާފިޢު ވަނީ ޖުލައި 25 ވަނަ ދުވަހު އޮތް ރަސްމިއްޔާތުގައި އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފަ އެވެ.