ފާއިތުވި
ހަފްތާގައި އެއްވެސް ސަބަބެއް ނެތި މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރަމުން ދިޔަ ނަމަވެސް،
އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ޖަލްސާގެ
އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީއަށް
ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ
މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
މީގެ އިތުރުން،
މިދިޔަ ސަރުކާރާ ގުޅޭ ފެނަކައިގެ އޮޑިޓް ރިޕޯޓެއް ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ނިންމި
ގޮތުގެ ރިޕޯޓު ވެސް އެޖެންޑާކޮށްފައިވެ އެވެ.
ނުނިމި ހުރި
މަސައްކަތްތަކުގެ ގޮތުގައި ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރަމުންދާތީ ކެންދޫ
ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް ވެސް އެޖެންޑާގައި
ހިމަނާފައިވެ އެވެ. މި ޤަރާރުގައި ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރުމާ ގުޅޭ
ކަންބޮޑުވުންތައް ފާހަގަކޮށްފައިވެ އެވެ.
މަޖިލީހުގެ
ގަވާއިދު ބުނާ ގޮތުން، ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކީ މަޖިލީހުގެ ޖަލްސާތައް
ބާއްވަންޖެހޭ ދުވަސްތަކެކެވެ. ނަމަވެސް، މިދިޔަ ހަފްތާގައި ވެސް އެއްވެސް ސަބަބެއް ނެތި
މަޖިލީހުގެ ޖަލްސާތައް ކެންސަލްކޮށްފައިވެ އެވެ. އަދި މިކަމާ ގުޅިގެން ބައެއް މެންބަރުން
ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވާއިދާ އެއްގޮތަށް ބާއްވާ، ރައްޔިތުންގެ
މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މެންބަރުންގެ ޒިންމާއެއްކަމަށް އެބޭފުޅުން ވިދާޅުވެފައިވެ އެވެ.