ޗާގޯސް ނުވަތަ
ފޯޅަވަހި ރައްޔިތުންނަށް ހަވާލުނުކުރެވިއްޖެނަމަ މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ
މައްސަލައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުއިއްޒު
ވިދާޅުވީ، ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ތާރީޚުން ހެކިދޭކަމަށާއި،
ނުވަވަނަ ހަސަން ރަސްގެފާނުގެ ލިޔުންކޮޅުން އެކަން ވަރަށް ސާފުކަމަށެވެ. އެހެންކަމުން
ހަގީގަތުގައި ފޯޅަވަހީގެ "ރައިޓްފުލް އޯނަރަށް" އެތަން ހަވާލުކުރާނަމަ
ކުރަން ޖެހޭނީ ދިވެހިންނާކަން ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތަށް
އެކަން ވާން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި،
އެކަމުގައި ވެސް ކަމާބެހޭ މަޝްވަރާތައް ގައުމީ ރޫހުގައި ގައުމަށްޓަކައި ކުރަމުންދާކަމަށް
ރައީސް ވިދާޅުވި އެވެ.
އެހެންކަމުން
ރައީސްގެ ވާހަކަފުޅުން ސާފުވެގެންދިޔައީ، ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން
އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުމާމެދު
ސަރުކާރުގެ އެއްވެސް މައްސަލައެއް މިހާރަކު ނެތްކަމެވެ.
ޗާގޯސްއަކީ، ނޫނީވިއްޔާ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް، ތާރީޚުން ހެކިދޭގޮތުގައި. 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންކޮޅު އެވަނީ. ވަރަށްސާފު. އެހެންވީމާ، ރައިޓްފުލް އޯނަރއާ ފޯޅަވަހި ބަޔަކާ ހަވާލުކުރަންޏާ ހަވާލުކުރަންޖެހޭނެ ކަމުގައި ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރަނީ. އެހެން ނޫނީވިއްޔާ މިހާރު އޮތްގޮތަށް ކުރިއަށްދިޔުމަކީ، އެއްވެސް މައްސަލައެއް ނޫން. އެހެންވީމާ، އެކަމުގައިވެސް އަޅުގަނޑުމެން މިދަނީ ކަމާބެހޭ މަޝްވަރާތައް ޤައުމީ ރޫޙުގައި ޤައުމަށްޓަކައި ކުރަމުންރައީސް މުއިއްޒު
އެހެންނަމަވެސް،
މިކަމުގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނުއަސާސީއާއި
ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ
ނިންމުމެއްކަމަށް ބުނެ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ތެރޭގައި
ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ
ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ
އޮފީހާ ހަވާލުކޮށްފައިވެ އެވެ.
ސަރުކާރުން
އޭރު ބުނީ އިޓްލޮސްގެ އެ ނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި
ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން
ފަށާފައިވާކަމަށެވެ.
އޭގެ ފަހުން
މި މައްސަލައިގައި، ސަރުކާރުން ބުނި ގޮތަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް އެދެވޭ
މަސައްކަތެއް ކުރެވެމުންދާތަން ނުފެންނާތީ، ރައީސް އޮފީހުގައި އޮތް ނޫސްކޮންފަރެންސެއްގައި
ނޫސްވެރިއަކު ވަނީ ރައީސް މުއިއްޒުއާ ސުވާލެއް ދަންނަވާފަ އެވެ.
އެދުވަހު ވެސް ރައީސް މުއިއްޒު ވިދާޅުވީ، ފޯޅަވަހި ހޯދުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު ދިވެހިރާއްޖެއިން
މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް
ފޮނުވާފައިވާނެކަމަށް ވިދާޅުވި އެވެ. އަދި އިނގިރޭސި ބޮޑުވަޒީރާ ފޯނުން މަޝްވަރާތަކެއް
ކުރައްވާފައިވާނެކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޑރ.
މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ
ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖޭން ކުރިން ބަލައިގަނެފައި އޮތް އޮތުން ބާތިލްކުރައްވައި،
ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ގަބޫލުކުރެއްވުމަށް
އިންކާރުކުރެއްވުން ފިޔަވައި މިކަމުގައި ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތެވެ.