ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި އެވެ.

ކުޅިވަރުތައް ބައްލަވާލައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެވެ.

މި ހަރަކާތްތައް ރަސްމީ ގޮތުން ފެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފަ އެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވި އެވެ.

މި ހަރަކާތުގައި ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފަ އެވެ.

މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތުންނެވެ.

މިރޭގެ އިޙުތިފާލުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.