ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދަށް ދައުވަތު އަރުވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއީ އެމަނިކުފާނުގެ މަދަރުސީ ދައުރުގެ ފަހުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަކަށް ދައަވަތު ލިބިވަޑައިގެންފައިނުވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޖަލުގައި ހުންނެވި ދުވަސްވަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ދައުވަތު އެމަނިކުފާނަށް އަބަދު ވެސް ލިބިވަޑައިގެންނެވި ކަމަށެވެ. 

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގަ އެވެ. މި ޖަލްސާ ޝަރުަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، މިފަދަ ބޮޑު ރަސްމިއްޔާތަކަށް ކުރީގެ ރައީސުންނަށް ދައުވަތު އެރުވުމަކީ ރާއްޖޭގައި އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލެއް ނަމަވެސް، މި އަހަރު އެމަނިކުފާނަށް ދައުވަތު އަރުވާފައިނުވާ ސަބަބެއް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފަށް ރާއްޖެޓީވީގެ ފަރާތުން ގުޅުމުން އޭނާ ފޯނަށް ޖަވާބުދެއްވާފައިނުވާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.