ގައުމުގެ ކަންކަން ހަރުދަނާކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ގައުމު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލީހެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި ދެ މަޖިލީހަކީ "ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ މަޝްވަރާ މަޖިލީހާއި" "ގައުމީ މަޖިލީހެވެ."

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޚާއްސަ މަޝްވަރާ މަޖިލީހަކީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ޝަރަފުގެ ނިޝާންތައް ހާސިލްކުރައްވާފައިވާ އިސްރަށްވެހިންގެ ތަޖުރިބާގެ ބޭނުން ހިފުމަށް އެކުލަވާލެވޭ މަޖިލީހެއް ކަމަށެވެ. އަދި ގައުމީ މަޖިލީހަކީ ތައުލީމީ، ސިއްހީ، އިގްތިސާދީ، އަދި އިޖުތިމާއީ ފަދަ އެކި ފަންނުތަކުން ތަޖުރިބާލިބިފައިވާ ފަންނީ ބޭފުޅުން ހިމެނޭހެން އެކުލަވާލެވޭ މަޖިލީހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ނޮވެމްބަރު މަހުގެ ނިޔަލަށް މި ދެ މަޖިލިސް އެކުލަވާލައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ބޭނުމަކީ ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމުގައި ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމުގައި ގައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމަށް ފުރުސަތު ދިނުން. އާދެ ކުރިއަށް އޮތް ދުވަަސްތަކުގައި، ކުރިއަށް އޮތް 3 މަސް ތެރޭގައި ކުރިއަށް އޮތް 3 މަސް ނިމޭއިރު، ނޮވެންބަރު މަސް އަންނަން ވާއިރަށް އިރާދަކުރެއްވިއްޔާ މިދެ މަޖިލިސް ވެސް ފޯމް ކުރެވިގެން އުފެދިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދު އަޅުގަނޑުގެ އެބައޮތް. އިރާދަކުރެއްވިއްޔާ އެކަން ހާސިލް ވެެގެންދާނެ. އޭރުން ވަރަށް ތަޖުރިބާކާރު ވަރަށް ފަންނީ ބޭބޭފުޅުންނަށް ގައުމުގެ ކަންކަމުގައި އިންސްޓިއުޝަނަލް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ހިޔާލާ މަޝްވަރާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ  
ރައީސް މުއިއްޒު

ރައީސްއަށް ލަފާދޭ ޚާއްސަ ދެ މަޖިލީހެއް އަނެއްކާ ވެސް އުފައްދަވަން ނިންމަވާފައިވާއިރު، އެކި ދާއިރާތަކުން އެމަނިކުފާނަށް ލަފާ އެރުއްވުމަށް ވަރަށް ގިނަ އެޑްވައިޒަރުން އައްޔަން ކުރައްވާފައިވެ އެވެ. 

ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް "ޔޫތު ޕާލިމަންޓު" ނުވަތަ ޒުވާނުންގެ މަޖިލީހެއް ގާއިމްކުރުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ. މި މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކެއް ތަމްސީލުވާނެހެން، ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލެވޭ މަޖިލީހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ކުރިއަށް އޮތް ތަނުގައި ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މީގެ މަގްސަދަކީ ގައުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ޒުވާނުންނާއި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ޚާއްސަ ލޯނު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.