ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފުގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިވަން ދުވަހުގެ ދިދަނެގުމުގެ މި ޚާއްސަ ރަސްމިއްޔާތުގައި، ގައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްސަ ދުއާ އެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލެއްވީ ވަނީ ގައުމީ ސަލާމުންނެވެ. ގައުމީ ސަލާމް ހުށައަޅައިދިނީ ގައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީންނެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގަ އެވެ.