ރާއްޖެއަކީ
ވަށައިގެން ފަންގިން ބިތެއް ޖަހާލައިގެން އެކަނިމާއެކަނި އޮވެވޭނެ ޤައުމެއް ނޫން
ކަމަށާއި، އަވައްޓެރި ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރަން ޖެހޭނެކަމަށް އެމްޑީޕީގެ
ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިވަން
ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
ޝާހިދު ވިދާޅުވީ، ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން އަބަދުވެސް ގެންގުޅެފައިވަނީ ހުރިހާ
ގައުމުތަކާއެކު ވެސް އެކުވެރިކަމުގެ ގުޅުން ބޭއްވުމުގެ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ކަމަށެވެ.

ސަރަހައްދީ
ސުލްހައަށް ބަލާއިރު ވެސް ރާއްޖެއިން ހުރިހާ ގައުމަކާއެކު ގުޅުން ބަދަހިކުރުމަކީ ނުހަނު
މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާހުރި
ގޮތަކީ ގައުމުތަކާ ޚާރިޖީ މައްސަލަތަކަށް ނުގޮސް އޮތުން ކަމަށެވެ.

ޕީއެންސީން
ވެރިކަމަށް އައުމުގެ ކުރިން އިންޑިއާއާ ދިމާކޮށް، އެ ގައުމުގެ ބޮޑުވަޒީރުގެ މާލި ހަދައިގެން
އުޅުނުކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ވެރިކަމާ ހަވާލުވުމުން ހަގީގަތާ ކުރިމަތިލާން
ޖެހޭނެ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އަވައްޓެރި ގައުމުތަކާއެކު އުޅެންޖެހޭ ގައުމެއްކަން
ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިތަންމެ
ވަރަކަށް ރުޅިވެރިކަމާއި ފިތުނަ އުފައްދަން މަސައްކަތް ކުރި ނަމަވެސް، ވެރިކަމަށް އައުމުން
އެ ހަގީގަތް ގަބޫލުކުރަން މަޖުބޫރުވާނެ ކަމަށާއި، ރާއްޖެއަކީ އުފުރާލައިގެން އެހެން
ތަނަކަށް ގެންދެވޭނެ ގައުމެއް ނޫންކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ކިތަންމެ ވަރަކަށް ރުޅިވެރިކަން އުފައްދައި، ފިތުނަ އުފައްދަން މަސައްކަތް ކުރިއަސް، ވެރިކަމާ ހަވާލުވީމާ އެބަޖެހޭ ހަގީގަތް ޤަބޫލު ކުރަން، އެ ހަގީގަތަކީ އަޅުގަނޑުމެން އަވައްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރަން ޖެހޭކަން، މި ޤައުމު އުފުރާލައިގެން އެހެން ތަނަކަށް ގެންދެވޭކަށް ނެތްކަން
އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް
ވިދާޅުވީ ރާއްޖެއަކީ ވަށައިގެން ފަންގިން ބިތެއް ޖަހާލައިގެން އެކަނި މާއެކަނި އޮވެވޭނެ
ގައުމެއް ނޫން ކަމަށެވެ. އެހެންކަމުން އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަކީ
ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން މިއަދާ ހަމައަށް
ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި،
ރާއްޖެއަކީ މިހާރު މެދުފަންތީގެ ތަރައްގީ ހޯދާފައިވާ ގައުމުތަކުގެ ގިންތީގައި ހިމެނޭ
ގައުމެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ގައުމުގެ
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ލޯނު ނަގައިގެން
ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ރާއްޖެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޝާހިދުގެ
ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިނުވެ، އެކުވެރި
ގުޅުންތަކުގެ އެހީގައި ގައުމު ކުރިއަށްގެންދިއުމުގެ މުހިއްމުކަމުގެ މައްޗަށެވެ.