ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ފުލުުހުން ބުނީ، ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާފައިވާ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އުޅަނދު ދުއްވި ތިން މީހުންގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އެކަކު 4,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. 

ސިނަމާލެ ބްރިޖަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވާއިރު، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެ އެވެ. މީގެ ކުރިން ވެސް ބޮޑެތި އެކްސިޑެންޓްތައް ހިނގައި، މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. 

އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުންނަށް ފިޔަވަޅު އަޅާފައިވަނީ، ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން ދަނިކޮށެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ސައިކަލު މަތީގައި އޮށޯވެގެން ތިބެ ބާރު ސްޕީޑުގައި ދުއްވަމުންދެ އެވެ.

މީގެ އިތުރުން، ބްރިޖުގައި ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށްވުރެ މާ ބާރަށް، އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށް ސައިކަލުތައް ދުއްވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެ އެވެ.