ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ ޑރ. ޚަލީލުއްރަޙްމާނަށް ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދުވެސް މަޝްވަރާކުރައްވާފައި ކަމަށާއި ޚާއްޞަކޮށް، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުންވެސް ހާމަކުރައްވަމުން ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހު އެވެ.