ރާއްޖެއިން ބޭރުގައި ދިވެހީން ކުރާ ޚަރަދު ބެލުމަށް މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީ (އެމްއެމްއޭ) އިން ހިންގުމަށް ހަމަޖެހިފައިވާ ސާރވޭ ހޮނިހިރު ދުވަހު
ފަށައިފި އެވެ.
އެމްއެމްއޭ އިން ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ އިއުލާނުގައި
ވާގޮތުގައި މި ސާރވޭ ކުރިޔަށް ދާނީ ޖުލައި 25 އިން 31 އަށް ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓުގެ އެރައިވަލް ހޯލުގަ އެވެ.
މި ސާރވޭގައި ދަތުރު ކުރި މަގްސަދާއި، ދަތުރު ކުރި ގައުމާއި ޓިކެޓުގެ ޚަރަދާއި ބޭސްފަރުވާ އަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި ދަތުރަށް ކުރެވުނު ޚަރަދުގެ މައުލޫމާތު ހިމެނޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ނަމަވެސް ވަކިވަކި ފަރުދުންގެ އަމިއްލަ މައުލޫމާތު ސާރވޭގައި އެއްނުކުރެވޭނެ
ކަމަށާއި މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މި ސާރވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް
ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކުރާ ސާރވޭ އެއް ކަމަށް ވަނީ
އެމްއެމްއޭ އިން ބުނެ އެވެ. އަދި މި މުއްދަތުގައި ރާއްޖެއަށް އަންނ ދިވެހިންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.