ވ. ތިނަދޫގައި ސިއްހީ ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނެތި އެ ރަށުގެ ސިއްހީ ޚިދުމަތް މެދުކެނޑިފައި އޮންނަ މައްސަލަ ބޮޑުވެފައި ވަނިކޮށް، ވ. ފެލިދޫގައި ހުންނަވާ ޑޮކްޓަރު ހަފްތާއަކު އެއްދުވަހު ތިނަދޫއަށް ޒިޔާރަތްކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
މި މައްސަލައާ ގުޅިގެން އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، 20 ޖުލައި 2026 ގައި ފަށާއިރު ޕްރޮގްރާމެއްގެ ތެރެއިން ހެލްތު މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަށް ގުޅައި އެ މައްސަލަ ސަމާލު ކަމަށް މިކަން ގެނައުމުން، ވިޒިޓިން ޑޮކްޓަރެއް ތިނަދޫ އަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން ކޮންމެ ހަފްތާއަކު އެއްދުވަހު ފެލިދޫ ޑޮކްޓަރު އެ ރަށަށް ގޮސް ބަލިމީހުން ބަލާ ކަމަށެވެ.
މީގެ އިތުރުން ތިނަދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވެފައިވާ ކަމަށާއި، އެރަށުން ޑޮކްޓަރު ދިޔައީ މިއަހަރުގެ ބޮޑު އީދު ބަންދާ ދިމާކޮށް ކަމަށް އެރަށުގެ ރައްޔިތުން ބުނެ އެވެ.
ތިނަދޫއަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ހިންގާ އަދި ދައުލަތަށް ގިނަ އަދަދެއްގެ ޓެކްސް ދައްކާ ރަށަކަށް ވާއިރު، ހަފްތާއަކު އެއް ދުވަހު ޑޮކްޓަރަކު އައުމަކީ އެކަށީގެންވާ ހައްލެއް ނޫން ކަމަށް ރައްޔިތުން ބުނެ އެވެ.
ރަށުގެ ރައްޔިތުން އެދެނީ ދާއިމީ ގޮތެއްގައި ރަނގަޅު ސިއްހީ ޚިދުމަތެއް ލިބޭނެ އިންތިޒާމެއް ގާއިމުވެފައި އޮތުމަށެވެ. މިހާރު ކުރިމަތިވެފައިވާ މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.