ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު ޒުވާން މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމަނުޖެހޭ ކަމަށާއި، މިސަރުކާރުގައި ހަމަޖެހޭ އެއްވެސް ސިޔާސަތެއް ނެތްކަން ހާމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި އެއްވެސް ކަހަލަ އެއްގޮތްކަމެއް ނުވަތަ ހަމަޖެހޭ އުސޫލެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާއާއި ރިޓަޔަރމަންޓާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ބައެއް ނިންމުންތަކުން އެކަން ހާމަވާ ކަމަށެވެ. 

މެންބަރު ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަނީ ރާއްޖޭގައި މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރުކޮށްފަ އެވެ. މި ބަދަލު ގެނައުމަށްޓަކައި މަޖިލީހުގެ ޗުއްޓީ ތެރޭގައި ވަރަށް އަވަސްއަރުވާލައިގެން ބިލު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އޭރުވެސް ބުނީ ތީ މާދަމާ ވަޒީފާއަށް މަޑުކޮށްގެން ތިބޭ އެތައް ކުދިންގެ ވަޒީފާއޭ. އެކަމަކު އެ އުސޫލު ބަދަލުކުރީ މަސައްކަތްކުރާނެ ބައެއް ނެތޭ ބުނެފައި
އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު އިތުރަށް ވިދާޅުވީ، އާންމު އުސޫލަކީ ބަޔަކު ރިޓަޔަރ ކުރުމުން އައު ކުދިންނަށް ވަޒީފާގެ ފުރުސަތު ލިބުން ކަމުގައި ވިޔަސް، މިހާރު ފެންނަނީ އެ ފުރުސަތުތައް ބަންދުވެފައިވާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ ވާހަކަތަކާއި އަމަލުތައް ދިމާނުވާކަން ފާހަގަކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، އެއް ދުވަހު މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނާއިރު، އަނެއް ދުވަހު ފެންނަނީ މީހުން ވަޒީފާއިން ވަކިކުރާ މަންޒަރު ކަމަށެވެ. މިކަމަކީ ޑޮލަރުގެ މައްސަލައިގައިވެސް ކަން ހިނގަމުންދާ ފަދައިން، ކޮންމެ ދުވަހަކު ތަފާތު ވާހަކަތަކެއް ދައްކާ އުސޫލެއް ނެތް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ ސަރުކާރުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނުކުންނަން ތިބި ޒުވާނުންނަށް އޮތް ފުރުސަތުތައް ހަނިވަމުންދާ ކަމަށާއި، މިއީ އެއްވެސް ކަހަލަ ހަމަޖެހޭ އުސޫލެއްގެ ތެރެއިން ހިނގާ ކަންކަން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.