ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ހަސަން ލަތީފް ވަނީ މިސަރުކާރުން މުވައްޒަފުން ކަނޑަމުން ގެންދާތީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުންފުނިތައް "ރައިޓް ސައިޒް" ކުރާނެ ކަމަށް ބުނާއިރު، އެއީ ކޮން މިންގަނޑަކުން ކަނޑައަޅާ ކަމެއްކަން ސާފުނުވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޖުމްލަ 44,645 މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން މުވައްޒަފުންގެ 33 އިންސައްތަ އުނިކުރަން އުޅޭ ކަމަށް ބެލެވޭއިރު، އެއީ ގާތްގަނޑަކަށް 14,700 މުވައްޒަފުން ކަމަށެވެ. އެ އަދަދު އުނިކުރުމުން ކުންފުނިތަކުގައި ބާކީ ތިބޭނީ ގާތްގަނޑަކަށް 30,000 މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 30,000 އެއްހާ މުވައްޒަފުން ކަމަށާއި، އޭރު އެ އަދަދު ގިނަވެގެން މިހާރުގެ ސަރުކާރުގެ އިސްވެރިން ވާހަކަދެއްކެވި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނުއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބީ ގާތްގަނޑަކަށް 30،000 މުވައްޒަފުން. އެހެންވީމާ، ނިޒާރާ، ޑރ. މުއިއްޒު އެ ވިދާޅުވަނީތޯއޭ، އެމްޑީޕީ ސަރުކާރު ނިމުނުއިރު އެއޮތީ ރައިޓް ސައިޒުގައޭ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު. އެހެއްނުންތޯ އެ ވިދާޅުވަނީ. ކީއްވެތޯ 40 ޕަސެންޓް ކަނޑާނުލާ މިއޮތީ. އޭރު މަދުން އޮންނަންޖެހޭ ކަމަށް އެ ބޭފުޅުން ވާހަކަ ދެއްކެވީ. އޭރު ތަކުރާރުކޮށް އެ ބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކައެއް އެއީ. އެމްޑީޕީގެ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު މާގިނައޭ. އެހެންނަމަވެސް، މި ބޭފުޅުން ހިސާބަށް ޖައްސަވާ ބެއްލެވިއިރު، އޮންނަންޖެހޭ ރައިޓް ސައިޒް ކަމަށް އެބަ ވިދާޅުވޭ. ޑރ.މުއިއްޒު އިނގޭތޯ؟ ޑރ. މުއިއްޒު. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ ޕީސީބީން އެހެން ނިންމީމަ ޑރ.މުއިއްޒު އެ އަންގަވަނީ އެކަން ކުރައްވަމުން އެހެންނޫންތޯ؟ 
ހަސަން ލަތީފް

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކަތަކާއި އަމަލުތަކާ ދެކޮޅުނުޖެހޭ ކަމަށާއި، މުވައްޒަފުން ވަކިކުރުމަށް ކުރާ މަސައްކަތުގައި އެއްވެސް ހަމަޖެހޭ އުސޫލެއް ނެތް ކަމަށެވެ. 

ސަރުކާރުގެ ހަރަަދު އިންތިހާއަށް ބޮޑުވުމާއި ގުޅިގެން 3 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ އަށް ކުޑަ ކުރުމަށް ޕީސީބީން ސަރުކާރަށް ވަނީ އަންގާފަ އެވެ.