ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ
ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން
ބިން އަބްދުލްއަޒީޒުގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފިހުން ބުނި ގޮތުގައި ރާއްޖެ ވަޑައިގަތީ ދެ
ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ
މެންބަރު ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެވެ.

އެމަނިކުފާނު ރައްޖެ ވަޑައިގެންނެވީ ހުކުރު
ދުވަހުގެ ރޭ އެވެ. އަދި އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން
މަރުހަބާ ވިދާޅުވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ
ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ.

މިއީ ރައީސް މުއިއްޒުގެ
ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ފަރާތްޕުޅުން
އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން އެހެން
އަހަރުތަކެކޭ ވެސް އެއްފަދައިން އާދިއްތަ ދުވަހު ރޭ ޖުމްހޫރީ މައިދާނުގައި ހާއްސަ
ކުޅިވަރުގެ އައިޓަމްތައް ބާއްވާނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ފުޅަނދުބުރު
ވެސް އޮންނާނެ އެވެ.