ކުނބުރުދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރުގެ ބޭންކް
އެކައުންޓުތަކުގައި ބާކީ ބަލަހައްޓާފައި ނުވާ ކަމަށާއި ބޭންކް ރިކޮންސިލިއޭޝަން
ތައްޔާރުކޮށްފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް (އޭޖީ) އޮފީހުގެ 2022 ވަނަ
އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.16 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާގޮތުން، ދައުލަތުގެ އޮފީހަކުން ބޭންކަކުން ފައިސާ ޖަމާކޮށްފިނަމަ،
އެ ފައިސާ ޖަމާކުރި އޮފީހަކުން އެ ފައިސާގެ ހިސާބު ބަލަހައްޓައި، އެކައުންޓު ބާކީ ފޮތުގައި
ލިޔެގެން ނުވަތަ ކޮމްޕިއުޓަރ ޝީޓުގައި ހިމަނައިގެން، އެ ހިސާބު ބަލަހައްޓަމުން
ގެންދަން ޖޭހޭނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮއްފަ އެވެ. އަދި ކޮންމެ
މަހެއް ނިމުމުން އެ އޮފީސްތަކުގެ އެކައުންޓުތަކުން ދައްކާ ބާކީ އާއި އޮފީހުގެ
ހިސާބުތަކުން ދައްކާ ބާކީ އަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށް އެ ގަވާއިދުގެ
5.16 ވަނަ މާއްދާގެ (ށ) އާއި 4.07 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ
ގޮތުގެ މަތިން ރިކޮންސިލިއޭޝަން ސްޓޭޓްމެންޓެއް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް
މި ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި އޮޑިޓް ރިޕޯޓުގައި ވާގޮތުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 13.09
ވަނަ މާއްދާގެ (ހ) ގައި ކޮންމެ ބޭންކް އެކައުންޓެއްގެ ހިސާބުތަކާއި ލިޔުންތައް
މާލީ ޒިންމާދާރުވެރިޔާ ވަކިން ބަލަހައްޓަން ވާނެ ކަމަށާއި، ހަވާލާ ދީފައިވާ
މާއްދާގެ (ނ) ގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރަށް ވަކިން ބޭންކް
އެކައުންޓެއް ހިންގޭނަމަ މާލީ ޒިންމާދާރުވެރިޔާ މަދުވެގެން މަހަކު އެއް ފަހަރު
އެކައުންޓް ރިކޮންސައިލް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ކައުންސިލް އިދާރާގެ
ބޭންކް އެކައުންޓްތަކުގައި 2022 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 4،242،000 (ހަތަރު
މިލިއަން ދެ ލައްކަ ސާޅީސް ދެ ހާސް) ރުފިޔާ ހުރިނަމަވެސް މި ގަވާއިދާ އެއްގޮތަށް
އެކައުންޓުގެ ބާކީ ބަލަހައްޓާފައެއް ނުވެ އެވެ. އަދި މި އެކައުންޓުތަކުގައި ހުރި
ފައިސާ އާއި ކައުންސިލްގެ އިދާރާގެ ހިސާބުތަކުން ދައްކާ ފައިސާއަކީ ރަނގަޅު ހިސާބުތަކެއްކަން ދެނެގަތުމަށްޓަކައި
ތައްޔާރުކުރަންޖެހޭ ރިކޮންސިލިއޭޝަން ސްޓޭޓްމަން ތައްޔާރުކޮއްފައި ނުވާކަން ވެސް
ވަނީ މި ރިޕޯޓުގައި ފާހަގަކޮއްފަ އެވެ.

މިގޮތަށް އިދާރާގެ ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި ކައުންސިލްގެ
އިދާރާގެ ހިސާބުތަކުން ދައްކާ ފައިސާއާއި އަޅާކިޔައި ރިކޮންސައިލް ނުކުރާނަމަ މާލީ
ހިސާބުތަކުގެ ފުރިހަމަކަން ކަށަވަރުކުރަން ދަތިވާނެ ކަމަށް ވެސް އޮޑިޓް
ރިޕޯޓުގައި ބުނެފައިވެ  އެވެ.

ކުނބުރުދޫ ކައުންސިލްގެ އިދާރާއިން އައިޓަމް ބާކީ ބަލަހައްޓާފައި ނުވުމުގެ
ސަބަބުން އިދާރާގެ އެކިއެކި ފަންޑުތަކުގައި އެ އަހަރުތަކުގެ ނިޔަލަށް ހުރި
ފައިސާގެ އަދަދު ކަށަވަރުވެފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ
އެވެ.

މިކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ
5.20 ވަނަ މާއްދާގެ (ހ) އަދި 13.09 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ
ފަދައިން ބޭންކް އެކައުންޓް ބާކީ ބެލެހެއްޓުމަށާއި އަދި ރިކޮންސިލިއޭޝަން ތައްޔާރު
ކުރުމަށް އެ ކައުންސިލަށް އަންގާ ކަމަށެވެ. އަދި މިގޮތަށް ރިކޮންސައިލް ކުރުމުގައި
ކައުންސިލްގެ އިދާރާގެ ވިޔަ މޮޑިއުލް ހިސާބުތައް ބޭނުންކޮށްގެން ރިކޮންސައިލް ކުރުމަށް
ވެސް އެ އޮފީހުން ވަނީ އެ ކައުންސިލަށް އަންގާފަ އެވެ.