ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އިދިކޮޅު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ، 21 ޖުލައި 2026 ގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، 33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް އެއްލާލަނީ 14،733 މީހުން ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި، ދައުލަތުގެ މީޑިއާއަށް މުންދު ވިދާޅުވީ، އެމްޑީޕީން ސައްހަ މައުލޫމާތަށް ބިނާކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރަނީ އާއްމުން ޖަޒުބާތުގައި ޖެއްސުމަށް ކަމަށެވެ.

އެމްޑީޕީއިން ސަރުކާރާއި ދެކޮޅަށް ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެންމެ ފުރަތަމަ ދެއްކީ ގެދޮރުވެރިކަމާއި ގުޅުންހުރި ވާހަކަތަކެއް ކަމަށް މުންދު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ޑޮލަރުގެ ސިޔާސަތަށް ފާޑުކިޔުންތައް އަމާޒުކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މަގުސަދު ހާސިލްނުވުމުން އަނެއްކާ ވެސް ވަޒީފާގެ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލު ކުރުމަށް އެމްޑީޕީން ކުރާ މަސައްކަތެއް ކަމަށެވެ. 

މީގެ އިތުރުން މުންދު ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ފަށާފައިވާ މަސައްކަތަކީ އާއްމުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.

މުންދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ޑޮލަރުގެ އަގު ތިރި ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިސަރުކާރުގައި ޑޮލަރު ލިބުން ދަތިވެ، އަގު ވަނީ 21.30 ރުފިޔާ އަށް އުފުލިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ނިންމާފައިވާ ގެދޮރުވެރިޔާގެ ފްލެޓުތައް ވެސް ދޫކުރީ ދެ އަހަރަށްވުރެ ގިނަ ދުވަހު ހިފެހެއްޓުމަށްފަހު އެވެ. މިފަދަ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވަނީ އާއްމު ރައްޔިތުންނެވެ.