ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އަސްކަރީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުމާއި ސްޓްރެޓީޖިކް ޕާޓްނަޝިޕް ވަރުގަދަކުރުމަށް ދިވެހިރާއްޖެއާއި ބަންގްލަދޭޝްއިން މަޝްވަރާ ކޮށްފި އެވެ.
ބުރާސްފަތި ދުވަހު މިކަމަށް އެއްބަސްވެފައިވަނީ، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އެމްޑީ ނަޒްމުލް އިސްލާމް، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ހަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގަ އެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ބަންގްލަދޭޝް ހައިކޮމިޝަނުން ވަނީ މައުލޫމާތު ބަންގްލަދޭޝްގެ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ތައުލީމާއި ތަމްރީނުތައް ފުޅާކުރުމާއި، ދިފާއީ މުއައްސަސާތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިކަމަށް ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.
ހަމައެއާއެކު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި، ހަމަޖެހުމާއި، ސަލާމަތަށްޓަކައި ކުރިމަގުގައި ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އޮތްކަން ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.