ރައީސް ޑރ މުހައްމަދު
މުއިއްޒުގެ ސަރުކާރުން މީހުން ވަޒީފާތަކުން ކަނޑަމުން ގެންދިޔުމާ ދެކޮޅަށް އަޑު
އުފުލުމަށް މަގުތައް މައްޗައް ނުކުތުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލައްވައިފި އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި "ޖޮބް
ބުރާސްފަތި" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސަރުކާރު
ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ގެންދާ މައްސަލަ އަށް އަލި އަޅުވާލައްވާ މެންބަރު މައުރޫފު ވިދާޅުވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން މިކަމަށް
ހައްލެއް ނުލިބޭނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން މައްސަލަ
ބަލާ ނިމި އޭގެ ބަދަލު ލިބެން 11 ވަރަކަށް އަހަރު ނަގާނެ ކަމަށް ވެސް މެންބަރު މައުރޫފު
ވިދާޅުވި އެވެ.

މެންބަރު ވިދާޅުވި ގޮތުގައި ޓްރައިބިނަލުން ނިންމާ
ނިންމުން އިސްތިއުނާފްކޮށް، ހައިކޯޓް އަދި ސުޕްރީމް ކޯޓަށް ދާނެ ކަމަށެވެ. އަދި
މިގޮތަށް މިކަން ކޮށްގެން ހައްލެއް ނުލިބޭނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

ޅ. ކުރެންދޫ ފެނަކައިގައި ތިބި މުވައްޒަފުން
ވަކިކުރުމާ ގުޅިގެން އިހުތިޖާޖު ކުރިކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ
މިފަދަ މައްސަލަތަކަށް ހައްލު ލިބޭނީ މިގޮތަށް މަގު މައްޗަށް ނުކުމެގެން ކަމަށެވެ.

އަޅުގަނޑުމެނަކަށް ތަކެތީގެ އަގު ބޮޑު ވެއްޖެއޭ ކިޔާ ކިޔާ ތިބެވޭކަށް ނެތް އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާން ޖެހޭ، ސީދާ ހަރަކާތަށް ގޮސްގެން މި ބަދަލު ކުރަން ޖެހޭ އަޅުގަނޑުމެން އަތުގައި މި ބާރު އޮންނަނީ އަޅުގަނޑުމެން މި ބަދަލު ނުކޮށްފި ނަމަ މިއަށްވުރެ މާ ނިކަމެތި ހާލަތާއި އަޅުގަނޑުމެން ކުރިމަތި ލާން ޖެހޭނެ
މައުރޫފް ޒާކިރު

މީގެ އިތުރުން މައުރޫފް ވިދާޅުވީ މިހާރު ވެސް
ވަޒީފާއެއް ނެތި 14،000 އެއްހާ މީހުން އެބަ ތިބި ކަމަށާއި، މިކަން މިހެން އޮއްވައި
ސަރުކާރުން އުޅެނީ އިތުރު 14،000 މީހުން ވަޒީފާ އިން ވަކިކުރަން ކަމަށެވެ.
މިކަމުން ވެސް ގައުމުގެ އިގުތިޞާދީ ހާލަތު އެނގޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކުންފުނިތަކުން
މީހުން ވަކިކުރާ މައްސަލައިގައި "ޖޮބް ބުރާސްފަތި" ގެ ނަމުގައި މިފަހުން
އެމްޑީޕީން އިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.