ކ. ތިލަފުށީގައި ހިނގަމުންދާ ވެސްޓް މެނޭޖްމަންޓް
ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން
ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފައިވާ ކަމަށް
ވެމްކޯ އިން ބުނެފި އެވެ.

ބުދަ ދުވަހު ރޭ ވެމްކޯ އިން ނެރުނު ބަޔާނެއްގައި
ބުނެފައި ވަނީ ތިލަފުށީގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރީޖަނަލް ވޭސްޓް
މެނޭޖްމެންޓް ފެސިލިޓީގައި ކަމަށެވެ.

މީގެ ސަބަބުން ތިލަފުށި ވެމްކޯ ސައިޓުން ބައެއް
ބަންދު ކުރަން ޖެހި، ދުވަހުން ދުވަހަށް ކުރަމުން ގެންދާ މަސައްކަތްތައް
މަޑު ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިގޮތުން  ހުޅުމާލެ އަދި ވިލިމާލެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވެސް ވަނީ އަސަރު ކޮށްފައި
ކަމަށް ވެމްކޯ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ހުޅުމާލެ އަދި
ވިލިމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދު ކުރުމަށް މަޖުބޫރުވެފައިވާ ކަމަށް
ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ތިލަފުށި ސައިޓް އޮޕަރޭޝަން ކުރީގެ
ހާލަތަށް އިޔާދަ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި
މިކަމުގެ ސަބަބުން ދިމާ ވެދާނެ ދަތި ތަކަށް މާފަށް އެދިފައިވެ އެވެ.

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓެއްގައި
އަލިފާނުގެ ހާދިސާއެއް ހިނގީ އާދިއްތަ ދުވަހުގެ ރޭ 10:20 ހާއިރު އެވެ. އަދި މި
އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ހެނދުނު އަށެއް ޖެހި ފަހުންނެވެ.