ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި ކަމަށާއި، އަދި ރައްޔިތުން އެއްކޮށްފައި ހުރި ވަކިލާރި
ބޭނުން ކުރާ ހާލަތައް ގޮސްފި ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު
ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ތަކެތީގެ އަގު ބޮޑުވުމާ
ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ރާއްޖޭގައި މިހާރު
ކުރިމަތިވެފައިވާ ޑޮލަރުގެ ތާށި ކަމުގެ ސަބަބުން ރާއްޖެ އިން ބޭރުން އެތެރެކުރާ
ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް އެތަށް ދަތި ތަކެއް ކުރިމަތި ވެގެންދާ ކަމަށެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގެ ފާއިތުވެ ދިޔަ ދެ އަހަރު ތެރޭ ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ރައްޔިތުންގެ އާމްދަނީ
އިތުރު ނުވާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ. ހަމައެއާ އެކު ދައުލަތުން
މިއަހަރަށް ކަނޑަ އަޅާފައިވާ 60 ބިލިއަން ރުފިޔާގެ ބަޖެޓުން ކުރާ ކަމަކީ
ކޮބައިކަމާ މެދު ސައުދުﷲ ވަނީ ސުވާލު އުފައްދަވާފައި އެވެ.

ހަމައެއާ އެކު ރައްޔިތުންގެ ޓެކްސް ފައިސާ ސަރުކާރުގެ ވެރިން ނަހަމަ ގޮތުގައި
ބޭނުންކޮށް، ސަރުކާރު ކުންފުނިތަކުން ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް
އިތުރުވާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ.

އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ދައުލަތުގެ ކުންފުނި ތަކުގައި ކޮރަޕްޝަނާއި ވައްކަން އިންތިހާ އަށް ބޮޑުވެ، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ސަރުކާރުގެ ވެރިންތައް ބޭނުންކުރަމުން ދާތަން.
ސައުދުﷲ އަހުމަދު

މިގޮތުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ރީޑިން ނަގާއިރު
މިދިޔަ މަހުގެ ބިލާއި، މި މަހުގެ ބިލާ ހުރި ތަފާތު ބެލުމަށް ފަހު އެމީހުން ބޭނުން
އަދަދެއް ޖެހުމަށް ފަހު ފޮނުވާކަމަށް ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން މައުލޫމާތު
ލިބިފައިވާ ކަމަށް ވެސް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ. ރައްޔިތުންގެ ޖީބުން މިފަދަ ވައްކަން ކުރުމުން ޤައުމުގައި ހަމަޖެހުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

ބައެއް ގޭބީސީ ތަކުގައި މިހާރު 6000 ރުފިޔާ އަށް ވުރެ ބިލުތައް
މަތިވެފައިވާ އިރު، މި ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިކަންކަން ހައްލު ކުރުމަށް އެއްވެސް
މަސައްކަތެއް މިވަގުތު ނުކުރާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ.