ސަރުކާރުން ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.
އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ހައިފާ އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. ހައިފާގެ އިތުރުން ވެސް މެނޭޖްމަންޓް ލެވަލްގައި މަސައްކަތް ކުރާ އިތުރު ދެ ބޭފުޅަކު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ދެބޭފުޅެއްކަން މިހާތަނަށް ކަށަވަރު ކުރެވިފައިނުވެ އެވެ.
ޖުމްލަ ތިން ބޭފުޅުން އިސްތިފާ ދެއްވި ސީދާ ސަބަބު ކަށަވަރުވާ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދެއްވީ ބޮންޑު ގަތުމާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ.
މީގެ އިތުރުން ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ، ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން އެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ހިންގަން އުޅުނު މުއާމަލާތް ކުރިއަށް ގެންދަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.