ބަރުދަން ލުއިކުރުމަށާއި އެކިއެކި ބަލިތަކުގެ ފަރުވާއަށް
ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް
ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބަރުދަން
ލުއިކުރުމަށާއި އެކި ބަލީގެ ފަރުވާއަށް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް
އެ ތަކެތި ބޭނުންކުރަން ބައެއް ފަރާތްތަކުން އިޝްތިހާރު ކުރަމުންދާކަން ފާހަގަވެފައިވާ
ކަމަށެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި ސައިންޓިފިކް
ދިރާސާއެއްގެ މައްޗަށް ބިނާ ނުކޮށް ސާބިތު ނުހިފޭ މައުލޫމާތު ހިމެނޭ ގޮތަށް އެ ތަކެތި
މާކެޓުކުރުމަކީ އެ ބޭނުންކުރާ މީހުންނަށް މައުލޫމާތު އޮޅި، ސިއްހަތަށް އޭގެ ނޭދެވޭ
އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެކެވެ.

ވަކިން ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާ
ކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރު
ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ސިއްހަތަށް ވަކި
ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ
ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެކެވެ.

އަދި ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ
ވަކި ހާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް
އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީ ވެސް އެކަމާ ގުޅޭ ގަވައިދުގެ ދަށުން މަނާކަމެއް
ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

މި ބަޔާން ނެރުނީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ
އެތައް އުފެއްދުމެއް ބަރުދަން ލުއިވާކަމަށް ބުނެ އިޝްތިހާރުކުރަމުން އަންނަ
ދަނޑިވަޅެއްގަ އެވެ. މި ފަދަ އިޝްތިހާރުތަކަކީ ރައްޔިތުންނަށް ގެއްލުން ލިބޭ ކަމެއް
ކަމަށާއި، އެފަދަ އިޝްތިހާރުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރެ އެވެ.

ކާބޯތަކެތީގެ އިޝްތިހާރުތަކުގައި ހަގީގީ މައުލޫމާތު
ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، އެފަދަ އިޝްތިހާރުތަކުގައި ސައިންޓިފިކް ހެކިތަކެއް
ހުރުން ލާޒިމްކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް
މި ފަދަ ކަންކަމަށް ސަމާލުވުމަކީ އެމްއެފްޑީއޭގެ މައިގަނޑު ޒިންމާއެއް ކަމަށް އެ އޮތޯރިޓީން
ބުނެ އެވެ.