ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްގީކުރި އަމާން ދޯދި އަދި އަމާން އުދަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގައި އެދިއްޖެ އެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސޮއިކުރައްވައި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރީތިގަސް މަގާއި ފިތުރޯނުމަގުގައި ހުރި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ސްކޫލް ކުދިންނާއި، ވަޒީފާއަށްދާ ފަރާތްތަކުން ގަދަ އަވީގައާއި ވާރޭގައި ގިނަ އިރުތަކެއް ވަންދެން ހިނގާފައި ބަސް ސްޓޮޕްތަކަށް ދާންޖެހޭތީ އެކަމުގެ ކަންބޮޑުވުން މޭޔަރު ވަނީ ފާޅުކުރައްވައިފަ އެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ސައުދީއަށް ފޮނުއްވި ސިޓީގައި މޭޔަރު އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުތަނުން އިތުރުވެފައިވާއިރު، އާންމު ދަތުރުފަތުރަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ އަމާން ދޯދި އަމާން އުދަރެސް ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށްވާތީ، ވީ އެންމެ އަވަހަކަށް ބަސް ސްޓޮޕްތައް ގާއިމުކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި ހުށަހެޅުން ސިޓީ ކައުންސިލްގެ ޖަލްސާއަށް ހާޒިރުވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވެފައިވާއިރު ކައުންސިލުން ނިންމާފައިވަނީ ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއަށް އެންގުމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ވަކިން ހާއްސަކޮށް އަލަށް މީހުން އާބާދުވި އަމާން ދޯދި އަދި އަމާން އުދަރެސް ފުލެޓްތައް ހުންނަ ސަރަހައްދުގައި ބަސް ސްޓޮޕްތައް ގާއިމްކޮށްފައިނުވާތީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.