ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި، އަނެއްކާ ވެސް ގެއްލުންތަކެއް ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ ފުލުހުންގެ ފަރާތުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ހޯމަ ދުވަހު ފަތިހު އަޒީޒާ މިސްކިތަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ މީހާ، ބުދަ ދުވަހު ރޭ ވެސް ހަމަ އެ މިސްކިތަށް ގެއްލުން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށާއި މި މައްސަލަ ވަކި މައްސަލަ އެއް ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެއިތުރުން ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ މުޖުތަމައުން އެކަހެރިކޮށްފައި ކަމަށް ފުލުހުން ވެސް ބުނެ އެވެ. އަދި އެ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް އެ މެސެޖުގައިވެ އެވެ.
ހޯމަ ދުވަހު ފަތިސް ގަޑީގައި މިސްކިތައް ގެއްލުން ދިން މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ހަރުކޮށްފައި ހުންނަ ފަންކާ ފަދަ ތަކެތި ވަގަށް ނަގާ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.