އަތޮޅު ރައްޔިތުންގެ ގެސްޓްހައުސްއާއެކު ފ. އަތޮޅު ގޯތި، ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ. 

ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް
ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް

ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް ހައުސްގެ ގޮތުގައި ބޭނުންކުރި 90,090 އަކަފޫޓުގެ މި ބޮޑު ބިމަކީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެކެވެ.

ފ.އަތޮޅު ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސް އުމަރު ޒާހިރު ރާއްޖެއެމްވީއަށް ވިދާޅުވީ، މި ބިމުގެ ތެރެއިން އިދާރީ ބޭނުންތަކަށް 36,960 އަކަފޫޓު ކަނޑައަޅާފައިވާއިރު، ބާކީ އޮތް 53,130 އަކަފޫޓަކީ އަތޮޅު ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަނޑައަޅާފައިވާ ބައެއް ކަމަށެވެ. އަތޮޅު ރައްޔިތުންގެ ފައިސާއިން މި ބިމުގައި ދެ ބްލޮކެއްގެ މައްޗަށް އެކުލެވޭ ގެސްޓްހައުސްއެއް ގާއިމްކޮށް، ބިޑަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން އެތަނުގައި ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް

ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް|ރާއްޖެއެމްވީ

ނަމަވެސް މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، މިހާރު ގެސްޓްހައުސް ހިމެނޭގޮތަށް ފ.އަތޮޅު ގޯތި އެއްކޮށް ނިލަންދޫ ކައުންސިލްއާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަވާލުކޮށްފައިވާ ކަމަށް އުމަރު ޒާހިރު ވިދާޅުވި އެވެ. އަދި މިތަނަކީ މުޅި އަތޮޅުގެ ފައިސާއިން ތަރައްގީކޮށްފައިވާ ތަނަކަށް ވާއިރު، ވަކި ރަށެއްގެ ކައުންސިލަށް މިތަން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވީމަ ވަކި ރަށަކަށް އާމްދަނީ ލިބޭ ގޮތަށް މިހެން ވަކިތަނެއް ނުދެވޭނެ
އުމަރު ޒާހިރު 

މީގެ އިތުރުން އުމަރު ޒާހިރު ވިދާޅުވީ، މި ނިންމުމާ ގުޅިގެން ފ. ފީއަލި، ބިލެތްދޫ، މަގޫދޫ އަދި ދަރަނބޫދޫގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ. އެ ރަށްތަކުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެތަނުން ލިބޭ އާމްދަނީއަކީ އަތޮޅުގެ ފަސް ރަށަށް ވެސް ހަމަހަމަކަމާއެކު ބެހިގެންދާންޖެހޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އިންސާފުވެރި ގޮތަކަށް މިކަން ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ އުމަރު ޒާހިރު ވިދާޅުވި އެވެ. 

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން މިފަދަ ތަންތަން އެލްޖީއޭގެ ދަށަށް ބަދަލުކުރެވުނު ނަމަވެސް، މިހާރު މި ތަން ވަކި ރަށަކަށް ހަވާލުކުރުމަކީ އަތޮޅުގެ އެހެން ރަށްތަކުގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.