ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ހާޒިރުވާން ޖެހޭ ގޮތަށް ބާ ކައުންސިލުން ބަދަލު ކުރުމާ ގުޅިގެން އޮންލައިންކޮށް ކޯސް ހަދަމުންދާ ގާނޫނީ ދާއިރާގެ ދަރިވަރުން އެކަމާ ދެކޮޅަށް އަޑު އުފުލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. 

މިމަހުގެ 20 ވަނަ ދުވަހު ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާހުކޮށް ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ މި މިންގަނޑުތަކަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. ބާ ކައުންސިލުން ގެނައި މި ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިިވެ އެވެ. 

މި އައު އުސޫލަށް އޮގަސްޓް މަހުން ފެށިގެން އަމަލު ކުރަން ފަށާއިރު، ގާނޫނީ ދާއިރާއިން އޮންލައިންކޮށް ކިޔަމުންދާ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އުސޫލު ބަދަލު ކުރުމަށް ގޮވާލައި، އޮންލައިން ޕެޓިޝަނެއްގައި ވަނީ ސޮއި ކުރަން ފަށާފަ އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުންތަކެއް ބުނީ، ކޯހުގައި ކިޔަވަން ފެށީ އޮންލައިން ކޮށް ކިޔަވައިދޭތީ ކަމަށާއި، ކޯހުގެ މެދުތެރެއިން ނުވަތަ ނިމެންދާއިރު ކުއްލި އަކަށް މިހެން ގެންނަ ބަދަލުތަކުން ވަރަށް އުދަނގޫވާ ކަމަށެވެ. 

ނަމަވެސް އަލަށް ކޯސް ފަށާ ދަރިވަރުންނަށް އެގޮތަށް އަމަލުކުރި ނަމަވެސް އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ނެތް ކަމަށް އެ ދަރިވަރުން ބުނެފައިވެ އެވެ. 

މިދަރިވަރުންތައް ތައްޔާރުކުރި ޕެޓިޝަންގައި ވެސް ވަނީ ބައެއް ދަރިވަރުންނަކީ ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން އުނދަގޫ ދަރިވަރުންތަކެއް ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ދަރިވަރުން ދިރިއުޅެމުންދަނީ މާލޭގައި ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކުއްލި އަކަށް މިހެން ގެންނަ ބަދަލުތަކުން ވަރަށް ބޮޑަށް ދަތިވާ ކަމަށާއި، ބާ ކައުންސިލުން ގެނެސްފައި އޮތް ބަދަލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލާފައި އެވެ.

މީގެ އިތުރުން ޕެޓިޝަންގައި ބުނީ، ފިޒިކަލް އިމްތިހާނު ހަދަން ލާޒިމް ކުރުމަކީ ގިނަ ދަރިވަރުންނަށް އިންސާފެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް އޮންލައިންކޮށް އިމްތިހާނު ހަދާއިރު ލޮކްޑައުން ވެބް ބްރައުސަރުތަކާއި ވެބްކެމް ބޭނުންކުރުމުގެ އިތުރުން އިމްތިހާނުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވާކަން ފާހަގަކޮށް ބާ ކައުންސިލުގެ ނިންމުން އަލުން މުރާޖައާކޮށް ދިނުމަށް އެދިފައިވެ އެވެ. 

ބުދަ ދުވަހުގެ ހަވީރުގެ ވަގުތާ ހަމައަށް ވެސް 200ށް ވުރެ ދަރިވަރުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާއިރު، ދަރިވަރުންނަށް އިންސާފުވެރި ގޮތަކަށް މި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ބުނެފައިވެ އެވެ.