2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދު އާމްދަނީ އަށް ވުރެ އިތުރުވެ، 1.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިމަހުގެ 21 ވަނަ ދުވަހު އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވަނީ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22,979.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ޖުމްލަ ޚަރަދުގެ މިންވަރު ވަނީ 24,515 މިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ވަނީ 1,535.3 މިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ.

މިއަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާތީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އަދި އަހަރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ އޮފީސްތަކުން ބަޖެޓު ޚަރަދު ކޮށްފައިވާ ގޮތަށް ބަލާއިރު، މިނިސްޓްރީ އޮފް ހެލްތު ފެމެލީ އެންޑް ވެލްފެއަރ ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ވުރެ ފަހަތުގަ އެވެ.