ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފައިނުވާތީ ރާއްޖޭގައި ހަރަކާތްތެރިވާ ތިން ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން
ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)
އެވެ. މީގެ ތެރެއިން އަދާލަތު ޕާޓީއާއި އެމްއެންޕީން މާލީ ބަޔާން އެއްވެސް ވަރަކަށް
ހުށަހަޅާފައިނުވާއިރު، އެމްޑީޕީން މާލީ ބަޔާން ހުށަހެޅީ ކަނޑައެޅިފައިވާ މުއްދަތު ހަމަވި
ފަހުންނެވެ. އީސީން ހާމަކުރި ގޮތުގައި މިއިން ކޮންމެ ޕާޓީއެއް ވެސް ވަނީ 50,000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން
ދިން މުއްދަތު ހަމަވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި
މާލީ ބަޔާން ހުށަހަޅާފައިވަނީ ހަތަރު ސިޔާސީ ޕާޓީއަކުންނެވެ. އެ ޕާޓީތަކަކީ ޖުމްހޫރީ
ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، ޕީޕަލްސް ނޭޝަނަލް
ކޮންގްރެސް (ޕީއެންސީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ
އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ
އާއި ޕީއެންސީއަށެވެ. އެގޮތުން އެމްޑީޕީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ޖުމުލަ
9.5 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން 8.4 މިލިއަން ރުފިޔާއަކީ އީސީން
އެ ޕާޓީއަށް ދޫކުރި ފައިސާ އެވެ. މީގެ އިތުރުން އާންމު ފަރުދުންގެ އެހީގެ ގޮތުގައި
އެއް މިލިއަން ރުފިޔާ އަދި ކުންފުނިތަކުން 57,095 ރުފިޔާ ލިބިފައިވެ އެވެ.
އެމްޑީޕީން މިދިޔަ އަހަރު 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެންމެ ބޮޑު
ހޭދައެއް ކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރައަށް 3.1 މިލިއަން
ރުފިޔާ ހަރަދުކުރިއިރު، ކުއްޔަށް 1.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ބަލާއިރު، މިދިޔަ އަހަރު އެ ޕާޓީއަށް 14.1
މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މީގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ
އިލެކްޝަންސް ކޮމިޝަނުން ދޫކުރި ފައިސާއެވެ. އަދި އަމިއްލަ ފަރާތްތަކުން އެހީގެ ގޮތުގައި
842,000 ރުފިޔާ ލިބިފައިވެ އެވެ. ހަރަދުތަކަށް ބަލާއިރު ޕީއެންސީން ވަނީ މިދިޔަ އަހަރު 9.1 މިލިއަން ރުފިޔާ ހޭދަކޮށްފަ
އެވެ. އެ ޕާޓީގެ އެންމެ ބޮޑު ހަރަދަކީ ކުއްޔަށް ހޭދަކުރި 3.1 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން މުވައްޒަފުންގެ މުސާރައަށް 2.3 މިލިއަން ރުފިޔާ އަދި އިދާރީ ކަންކަމަށް
8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޕާޓީ އިޝްތިހާރު ކުރުމަށް އެ ޕާޓީން ވަނީ
376,062 ރުފިޔާ ހޭދަކޮށްފަ އެވެ.
ސިޔާސީ
ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ އަހަރަކު ވެސް ޕާޓީތަކުގެ މާލީ ބަޔާން، ކަނޑައެޅޭ
މުއްދަތެއްގައި އީސީއަށް ހުށަހަޅަން ޖެހެ އެވެ.