ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވާ އުފެއްދެވި ޕީއެންސީއަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކް ހަވާލުކުރުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެނެޓަރ އަދި ގާނޫނީ ވަކީލު އާދަމް އާސިފް ސަރުކާރަށް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފި އެވެ.

ރާއްޖެޓީވީން ރޭ ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ، ގައުމު މިހާރު މި އޮތް ހާލަތަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެރިކަން ލިބުން ކަމަށެވެ. ޕީއެންސީއަކީ އަބްދުއްރަހީމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއަކަށް ވެފައި، އެ ޕާޓީގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ދިޔަ ހިސާބުން ގައުމާ މެދު ރައްޔިތުން ކުރި އުންމީދުތައް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ މާޒީއަށް އިޝާރާތް ކުރައްވަމުން އާސިފް ވިދާޅުވީ، އޭނާއަކީ ދިވެހިންނަށް އައު މީހެއް ނޫން ކަމަށާއި، ކުރި ކުށެއްގެ ސަބަބުން ރަށަކަށް އަރުވާލެވުނު އިރު އެ ރަށުގައި ހިނގާދިޔަ ކަންކަމާއި އެކަމުގެ ސަބަބުތައް ދަންނަ މީހުން މިއަދު ވެސް އެބަތިބި ކަމަށެވެ. މިފަދަ މާޒީއެއް އޮތް ބަޔަކަށް ގައުމުގެ ތިޖޫރީ ބޭނުންހާ ގޮތެއް ހަދަން ހަވާލުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އާސިފް ވިދާޅުވި އެވެ.

އަބްދުއްރަހީމާ މި ހަވާލުކުރީ ގައުމުގެ ވެރިކަން. ރާއްޖޭގައި އަބްދުއްރަހީމް ނޭނގޭނެ މީހެއް ނެތް. އަބްދުއްރަހީމަށް ގައުމެއްގެ ވެރިކަން ކުރަން ލިބުނީމަ ދެން ބަލަމާ ހިނގާ ހަމަ ޑްރެކިއުލާއަށް ބްލަޑް ބޭންކް ހަވާލުކުރުން ކަހަލަ ކަމަކަށް ނޫންތޯ ވާނީ. ރަށަކަށް އަރުވާލީމަ އެ ރަށުގައި ވީ ކަންކަން ވެސް އެނގޭ އަނެއްކާ ރަށަކަށް އަރުވާލަންޖެހުނީ ކީއްވެކަން ވެސް އެނގޭ ބަޔަކަށް އެނގޭ. އެހެންވީމަ މިކަހަލަ ހިސްޓްރީއެއް އޮތް ބަޔަކަށް ރާއްޖޭގެ ތިޖޫރި ދޭން ހެޔޮނުވާނެ ނޫންތޯ؟ ޑޮލަރު ލިބޭ ޑޮލަރު ވަދޭ ގައުމަށް ބޯކޮށް. އެކަމު މި މީހުން ކައިފަ ބާކީއެއް ނުވާނެ.
އާދަމް އާސިފް

މީގެ އިތުރުން، ޕީއެންއެފްގެ ޖަލްސާތަކުގައި ދެކެވުނު ވާހަކަތަކަކަށް އިޝާރަތްކުރައްވަމުން އާސިފް ވިދާޅުވީ، ހަގީގީ މުއުމިނުންނަށް "ދައްޖާލު" ފާހަގަކުރަން އެނގޭނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު "ދައްޖާލަކީ" ކޮބައިކަން އެ ބޭފުޅުން ސާފުކޮށްދެއްވި ކަމަށާއި، ނަމަވެސް ބަޔަކު އޭރު ދެއްކި ވާހަކަތައް ގަބޫލުކުރަން ބޭނުންނުވީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، އަބްދުއްރަހީމް އަބްދުﷲ ވެގެން ގޮސްފައިވަނީ ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ އެވެ.