ވައިގެ މަގުން
ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން
ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ
ޖުލައި މަހުގެ 18 ވީ ބުރާސްފަތި ދުވަހު އިންޑިއާއިން ރާއްޖެއަށް އައި ދެ ފަސިންޖަރެއްގެ
އަތުންނެވެ. އެމީހުން އައީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.
މި ދެ މީހުންނަކީވެސް
އިންޑިއާއަށް ނިސްބަތްވާ ދެ ރައްޔިތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެ އެވެ.
މި ތަކެތި
ފެނިފައިވަނީ އެ ދެ ފަސިންޖަރުންގެ ލަގެޖް ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކުރުމުގެ
ތެރޭގައެވެ. އެގޮތުން ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް
ފެނުމުން، އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯއަށްވުރެ ގިނަ ހުރި
ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. މިތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް
އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.
މި މައްސަލައާ
ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންނާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު
ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.
އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވައިގެ މަގުން
ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން އަންނަނީ
ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ
ބައިނަލްއަގުވާމީ އެއަރޕޯޓުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި
ފާރަވެރިވެ، ފަސިންޖަރުންގެ ލަގެޖުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކަސްޓަމްސްއިން
ކުރިއަށް ގެންދެ އެވެ.