އީފާސް ތެރެއިން ސިޔާސީ ޕާޓީތަކަށް ވަންނަ ގޮތަށް އުސޫލު ހެދި ފަހުން، މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް
ލިބިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ
އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން
ޒަކަރިއްޔާ ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީ ތަކާ އެކު އިލެކްޝަން ކޮމިޝަނުން ކުރާ
މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެވިފައި ވަނީ ޕާޓީތަކުގެ
ދަފްތަރު ބެލެހެއްޓުމުގެ ކަންކަމަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ބަދަލު ގެނެސް، އީފާސް
ތެރެއިން ސިޔާސީ ޕާޓީތަކަށް މީހުންނަށް ވަދެވޭ ގޮތަށް ބަދަލު ކުރުމުން، މީހުންނަށް
ނޭނގި ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާ މިހާރު ނާންނަ ކަމަށް ވިދާޅުވި އެވެ. އަދި
އެއްވެސް ރައްޔިތަކު އެ މީހަކަށް ނޭނގި ޕާޓީއަކަށް ނުވެއްދޭނެ ކަމުގެ ޔަގީންކަން
ދެއްވާ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ
ފަރާތްތަކުން ކުރިން ވަކިވާން ޖެހެނީ އެ ސިޔާސީ ޕާޓީ އަކަށް ހުށަހަޅައިގެންކަން
ފާހަގަ ކުރައްވައި ޒަކަރިއްޔާ ވިދާޅުވީ، މިހާރު އީފާސް ތެރެއިން އެކަމަށް ހައްލު
ހޯދައި ދީފައި ވާނެ ކަމަށެވެ. 

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން
(ޑީއެންއާރު) ޑޭޓާ ބޭސް ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށް ވަގަށް
މީހުން ވެއްދި މައްސަލައް 2025 ވަނަ އަހަރު ފެންމަތި ވެފައިވެ އެވެ. އަދި މި
މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑީއެންއާރުގައި
ފޯމު ފުރި ކަމަށާއި، ބޭނުންކުރީ އެތަނުގައި ހުރި މީޓިން ރޫމެއް ކަމަށް އެއްބަސްވެ ވަޑައިގެންފައި އެވެ.

ނަމަވެސް މި މައްސަލަ ތަހުގީގު ނުކުރުމަށް ފުލުހުންގެ ހިދުމަތުން ވަނީ ނިންމާފައި އެވެ.