ރާއްޖޭގައި ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
އިހުސާން ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ނަތީޖާ
މިހާރު 30 ޕަސެންޓަށް ވުރެ ދަށްވެފައިވާ ކަމަށެވެ. އަދި އާންމުކޮށް މި މާއްދާގެ
ނަތީޖާ އުޅެނީ 50 ޕަސެންޓާއި 60 ޕަސެންޓާ ދެމެދު ކަމަށް އިހުސާން ވިދާޅުވި އެވެ.

ހަމައެއާ އެކު، މިހާރު ދަރިވަރުންގެ ނަތީޖާތައް ކުރީގައި އާންމު ކުރާހެން
ޕަބްލިކް ޑޮމެއިންގައި އާންމުކޮއްފައި ނުހުންނަ ކަމަށް ވެސް އިހުސާން ވަނީ ފާހަގަ ކުރައްވައިފަ އެވެ.  

ހިސާބު އިލްމަކީ މި ފަހަކަށް އައިސް، ޚާއްސަކޮށް މި ފާއިތުވެގެން ދިޔަ ވިހި، ފަނަރަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ނަތީޖާ ދަށް މާއްދާ. ކިހާ ވަރެއްތޯ ދަށީ؟ އާންމުކޮށް އަށްޑިހާ ޕަސެންޓާއި، ނުވަދިހަ ޕަސެންޓާ ގާތް ކުރާ އަދަދަކަށް ދަރިވަރުން ނަތީޖާ ހޯދާއިރު، ހިސާބުގެ ނަތީޖާ އުޅޭތީ ގާތް ގަނޑަކަށް ފަންސާހާއި، ފަސްދޮޅަހާ ދޭތެރޭގައި. އަޅުގަނޑުމެންނަށް މިހާރަކު ނޭނގޭ، ވަރަށް ދަށްވެއްޖެއޭ މިނިސްޓަރު އެ ވިދާޅުވަނީ ކިހާ ވަރެއް ކަމެއް. އެ ނަތީޖާ ތަކެއް އާންމެއް ނުކުރޭ. ރާއްޖޭގައި އެބަ ހުރި ފުދޭ ވަރެއްގެ ރަނގަޅު ދަރިވަރުން ތައުލީމު ހާސިލު ކުރާ ސްކޫލު ތަކުގައި، ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް
މުޙައްމަދު އިހުސާން

މީގެ އިތުރުން އިހުސާން ވިދާޅުވީ ޓީޗަރުން ނެތިގެން ހިސާބު މާއްދާ
ނުކިޔަވައިދީ 3 މަސް ނުވަތަ 4 މަސް ދުވަސް ބައެއް ސުކޫލުތަކުގައި ހޭދަކުރާ ކަމަށެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ބޭރު މުދައްރިސުން ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން
ދަތިވެ، ރާއްޖެ ދުކޮށް އެހެން ޤައުމުތަކަށް ދާތީ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ
އެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މި މައްސަލަ
ހައްލު ކުރުމަށް ހިސާބު މާއްދާ އަށް ކުރިއަށް ވުރެ ވަގުތު އިތުރުކޮށް، މި
މާއްދާ އަށް ދަރިވަރުން ޝައުގުވެރިވާ ފޮތްތައް ޝާއިއު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް
މިހާރު ވެސް ރާއްޖޭގައި އެންމެ ގިނަ ވަގުތު ހޭދަކޮށް، ފޮތްތަކާއި ވަސީލަތްތަށް
ދަރިވަރުންނަށް އެންމެ ގިނަ އެއް މާއްދާއަކީ ހިސާބު ކަމަށް އިހުސާން ވިދާޅުވި
އެވެ.

ހިސާބުގެ ނަތީޖާ ދަށްވުމުގެ ސަބަބުން 
ދަރިވަރުންނަށް ފިކުރު ކުރުމުގެ ޤާބިލުކަން ދައްވެ، ޤައުމުގެ
އުފެއްދުންތެރި ކަމަށް ބަދަލުތަކެއް އަންނާނެ ކަމުގެ ކަންބޮޑުވުން ވެސް އިހުސާން ވަނީ
ފާޅު ކުރައްވައިފަ އެވެ. 

މިކަން ހައްލު ކުރުމަށްޓަކައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން
އެބޭފުޅުންގެ މަސައްކަތް ހަރުދަނާކޮށް، މުދައްރިސުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 'ހޯލް ސްކޫލް' އެޕްރޯޗެއް ބޭނުން ކުރުމަށް އިހުސާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ފެށުމަށް ހަމަޖެހިފައި ވަނީ ކުރިޔަށް އޮތް
ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އަދި މި އިމްތިހާނަށް ދަރިވަރުން ތައްޔާރުވުމަށް ބާއްވާ
މޮކް އެގްޒާމް އޮތީ އޯގަސްޓު މަހުގެ ތެރޭގައި އެވެ.