ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިނުވާނެ ކަމަށް މި ސަރުކާރުން ބުނަމުންދަނިކޮށް، ޑޮލަރެއްގެ އަގު 21.25 ރުފިޔާއަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.

ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލި، ދިވެހި ރުފިޔާގެ އަގު ބަލިކަށިވެފައިވާ މި ދަނޑިވަޅުގައި، ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފަ އެވެ. ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އުފުލުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި، ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމަކީ މުދަލުގެ އަގު ދެގުނައަށް ބޮޑުކުރަން މަޖުބޫރުވާ ސަބަބެކެވެ. މިކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކެއް އިނދަޖެހެމުންދާ ކަމުގެ ޝަކުވާ އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ޑޮލަރުގެ ދަތިކަން ދިމާވެފައިވަނީ، މި ސަރުކާރުން ރިކޯޑު އަދަދަކަށް ދަރަނި ދައްކާފައިވާކަމަށް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. މި ސަރުކާރު ފާހަގަކުރެވިގެން ގޮސްފައިވަނީ ޑޮލަރު އިސްރާފުކުރާ އަދި ލޯނު ހޯދުމުގެ ގާބިލުކަން ވެސް ނެތް ސަރުކާރެއްގެ ގޮތުގަ އެވެ.

ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިގެން ދިއުމުން ރައީސް މުއިއްޒާއި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވަމުން ގެންދަވަނީ މިކަން މިހެން ދިމާވުމަށް މެދުވެރިވީ ސަބަބަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިހުމާލުން ކަމަށެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓަރު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ލިބިއްޖެ ނަމަ، ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ލިބުމުން ވެސް ޑޮލަރުގެ އަގު ދަށަށް ގޮސްފައިނުވާތީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވިޔަފާރިވެރިންނާއި އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.