ހުޅުމާލޭގެ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންތަކެއް ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ، ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންތަކެއް ދީފައިވާ މައްސަލަ، ހޯމަ ދުވަހުގެ ފަތިހު 03:47 ހާއިރު އެ އިދާރާ އަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މިސްކިތެއް ކަމެއް ފުލުހުން ބުނެފައި ނުވެ އެވެ.

އިތުރަށް ފުލުހުން ބުނެފައި ވަނީ، މި މައްސަލަ އެ އިދާރާ އިން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަަކަށް ވެސް ވަނީ ގެއްލުން ދީފައި އެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ފުރުޤާން މިސްކިތަށް ވެސް ބަޔަކު ގެއްލުންތަކެއް ދީފައި އެވެ. އެ މިސްކިތުގެ ވެސް ބިއްލޫރިގަނޑުތައް ތަޅާލައި، މިސްކިތުގައި ހުރި ހަތިމްތައް އުކާލާފައިވާ މައްސަލައެއް ފެންމަތިވި އެވެ.

ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލައިގައި މީގެ ކުރިން މީހަކު ހައްޔަރު ކުރުމަށް ފަހު، ދޫވެސް ކޮށްލި އެވެ. އެ ފަހަރު ގެއްލުން ދިން މީހާ ބުނެފައި ވަނީ، މީގެ ކުރިން ވެސް އެ މިސްކިތަށް ގެއްލުން ދީފައިވާ ކަމަށާއި، އެކަމާ ދެރަ ވެސް ނުވާ ކަމަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ހަރުކޮށްފައި ހުންނަ ފަންކާ ފަދަ ތަކެތި ވަގަށް ނަގާ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.